އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ނޯ ކޮންފިޑަންސް މޯޝަންގެ ވާހަކައަކީ ކުޅޭ ޑްރާމާއެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް އިސްވެ ތިއްބަވައިގެން މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކަންތަކުގައި އުޅުއްވާއިރު، އެކަމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ނިކުންނަވާފައި ވަނިކޮށެވެ.

އެގޮތުން މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ވާހަކައަކީ ސަރުކާރުގެ ނާގާބިލުކަމުގެ ނާޖާއިޒު ފައިދާ ނަގާ ބައެއްގެ ދަންމަޅިތަކެއްގެ ބޮޑު ބޮޅެއް އިތުރުވާތީ ރައްޔިތުންގެ ފޯކަސް ގެއްލުވައިލަން ކުރާ ކަމެއް ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ. އަދި ގައުމީ މިސްރާބު ނުކިއްސަރު ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ރައްޔިތުން ހޭލުމަށް ގޮވައިލައްވައިފައެވެ.

ކެބިނެޓު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއި ލިބިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިފަދަ ހުށަހެޅުމަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ ކުރީން އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހެނޭ ކަމަށް ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ށ ގައި ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު ފައްޔާޒް ވަނީ އިތުބާރު ގެއްލެން ޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި މަސައްކަތް ކުރައްވަނީ ގާބިލުކަން ތަންދޭ އެންމެ މަތީ ދަރަޖައެއްގައި އެންމެ ރަނގަޅަށް ކަމަށް ވިދާޅުވެފައެވެ.