އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތްކުރި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމެވެ.

އެކަމާ ގުޅިގެން ޖޭޕީގެ ސްޓޭންޑަކީ ކޮބައިތޯ ޖޭޕީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން، އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައީސް ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް ކަމަށާއި ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ.

"ތިކަމާ ބެހޭގޮތުން ޖޭޕީގެ އެއްވެސް ލެވެލްއެއްގައި މަޝްވަރާ މިހާތަނަށް ކޮށްފައެއްނުވޭ. އިތުރު އެއްޗެއް ހާމަކުރަން އޮތްނަމަ ފަހުން އެކަމެއް ކޮށްލާނަން. ލީޑަރު ގާސިމް އިބްރާހިމްގެ ތިކަމުގައި އޮތްނަމަ އެކަން ފަހުން ހާމަކުރާނަން. ރައީސްގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އޮވޭ. ކަމެއް ގޯހިއްޔާ އެކަމެއް އަބަދުވެސް ހާމަ ކުރާނަން،" އަލީ ސޯލިހު ވިދާޅުވިއެވެ.

ފައްޔާޒުގެ އިތުބާރު ނެތް މައްސަލަ ވެއްދުމަށް ނަޝީދު މަސައްކަތްކުރައްވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް 20 އަށްވުރެ ގިނަ މަޖިލިސް މެންބަރުން ވަނީ ސޮއިކޮށްފައެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް ބައެއް އެމްޑީޕީ މަޖިލިސް މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަވަން ފައްޓަވައިފައެވެ. އެގޮތުން މިހާތަނަށް އެމްޑީޕީގެ 13 މެންބަރަކު ވަނީ ފައްޔާޒުގެ ދިފާއުގައި ވާހަކަދައްކަވައި ޓުވީޓު ކުރައްވައިފައެވެ.

އެގޮތުން ހުޅުމާލެ ދާއިރާގެ މެންބަރު އަދި ރައީސް ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިތުބާރު ވޯޓު ނަގަންޖެހޭ ސަބަބެއް ނެތް ކަމަށާއި ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

އޭނާގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަަމް ވެސް ވަނީ ފައްޔާޒަށް ތައުރީފުކުރައްވައި ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ހީވާގި އެއް ވަޒީރު ކަމަށާއި އޭނާގެ ފުރިހަމަ އިތުބާރު ފައްޔާޒަށް އެބަ އޮތް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ

ފައްޔާޒްގެ ދިފާއުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގުނީ ވިދާޅުވީ އިތުބާރު ނެތްކަމަށް ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާގެ ފުރިހަމަ އިތުބާރު ފައްޔާޒަށް އޮންނާނެ ކަމަށެވެ. އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ މި ސަރުކާރުގައި އެންމެ ގާބިލު، ކުޅަދާނަ، އެންމެ ހިންގުންތެރި އަދި އިތުބާރު ހުރި އެއް މިނިސްޓަރު ކަމަށެވެ.

އޭނާގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވެސް ވަނީ ޓުވީޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ ހީވާގި ވިސްނުފުޅު ތޫނު ބޭފުޅެއް ކަމަށާއި ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

ކެބިނެޓު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއި ލިބިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިފަދަ ހުށަހެޅުމަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ ކުރީން އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހެނޭ ކަމަށް ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ށ ގައި ބުނެއެވެ.