ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ހއ. ކެލާ މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފުނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހަކު ރަނގަޅުވެފައިވާ ކަމަށާއި އެއީ ރަށްރަށުގެ ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ ފުރަތަމަ މީހާ ކަމަށެވެ.
"މިއަދު ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި އޮތް ފަރާތް ވަނީ ރިކަވާވެގެން ދޫކޮށްލެވިފައި. މިއީ އަޅުގަނޑުމެންގެ އަތޮޅު ތެރޭގައި ހުރި ފެސިލިޓީތަކުގެ ތެރެއިން ފެސިލިޓީއެއްގައި އެޑްމިޓްކޮށްގެން ފަރުވާދެވުނު މީހަކު ފުރަތަމަ ފަހަރަށް ބަލިން ރަނގަޅުވެގެން ޑިސްޗާޖު ކުރެވުނު ފަހަރު،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެމީހާއަކީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި އޭނާއަކީ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު މީހެއް ކަމަށެވެ. އަދި ރަށްރަށުގެ ފެސިލިޓީތަކުގައި ވެސް ފަރުވާދިނުމުގެ ގާބިލުކަން ހުރިކަން މިކަމުން އަންގައިދޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 35 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2884 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2461 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ 143 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5366 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 87 ދިވެއްސަކާއި ބަންގުލަދޭޝްގެ 40 މީހަކާއި އިންޑިއާގެ ދިހަ މީހަކާއި ނޭޕާލްގެ ތިން މީހަކާއި ސްރީލަންކާގެ ދެ މީހަކާއި މިސްރުގެ މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 21 މީހަކު ވަނީ މަރުވެފައެވެ. އެއީ 16 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 14 ދިވެއްސަކު ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު