މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތައް އެ ފައިސާ ދައްކަވައިފައި ނުވާތީ، ފައިސާ ހޯދުމުގެ ގާނޫނީ މަސައްކަތް ކުރުމަށްޓަކައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މީރާއަށް ލިޔުންތައް ފޮނުވައިފި އެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ފައިސާ މީރާއަށް ދައްކަން ހުކުމުގައި ބުނެފައިވަނީ ހަ މަސް ދުވަސް ތެރޭގަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ރައީސް ޔާމީން ދައްކަވައިފައެއް ނުވެއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ފައިސާ ދައްކާފައިނުވާތީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އުސޫލާ އެއްގޮތަށް ޔާމީން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި އެ މައްސަލައިގެ އެންމެހާ ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން އެ މާއްދާގެ (ނ)ގައި އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމޭބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ރައީސް ޔާމީން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދަން އޭޖީން މީރާގައި އެދުނުއިރު އެމަނިކުފާނަށް އިއްވި ހުކުމުގެ އިސްތިއުނާފު ޝަރީއަތް ހައި ކޯޓުގައި މިހާރު ވަނީ ފަށައިފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވައިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތު ވެ ހުކުމް ތަންފީޒު ކުރަމުން އަންނައިރު ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް އުފުލައިފަ އެވެ. ނަމަވެސް އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދި ފަށައިފައެއް ނުވެ އެވެ.