ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމަށް މިސަރުކާރުން ރާވައިގެން ކުރަމުންގެންދާ އެކި އެކި މަސައްކަތްތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ހޯ،މަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓްކުރި ގަވައިދަކީ ކަނޑައެޅިގެން މި މަގުސަދު ހާސިލް ކުރުމަށްޓަކައި ސަރުކާރުގެ މަކަރާއި ހީލަތްތެރި ރޭވުމެއް ކަމަށްވެސް އިދިކޮޅުން ބުންޏެވެ.

"މީހުންގެ އަމިއްލަ މުދާ މިފަދަ ގޮތަކަށް ދައުލަތަށް ނެގުމަކީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ހިންގާ ވަރަށް ނާތަހުޒީބު އަމަލެއް، އަދި މިއީ މިސަރުކާރު ބަލިކަށިވެ ތާއީދު ކުޑަވަމުންދާއިރު، ރައީސް ޔާމީންގެ އިތުރުން މި ކޯލިޝަންގެ އެކި އެކި ފަރާތްތަކާ މިސަރުކާރާ ދެކޮޅަށް ފާޑުކިޔާ ކޮންމެ ފަރާތަކަށްވެސް އަމާޒު ކުރުމަށް ބޭނުންކުރާނެ ހަތިޔާރެއް ކަމުގައިދެކެން،" އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މި ސަރުކާރު ފެއިލް ވެ، ގޮތްހުސްވެގެން ހިންގާ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ މުސްތަގުބަލުގައި އެފަރާތްތަކަށްވެސް ކުރިމަތި ލާން ޖެހިދާނެ ކަމެއްކަން ސަރުކާރަށް ހަނދާންކޮށްދޭ ކަމަށެވެ. ރައީސް ޔާމީނަށް ނުޙައްގުން ދެމުންދާ އަނިޔާ ހުއްޓާލައި އެމަނިކުފާނު މިނިވަން ކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މިދިޔަ ހޯމަ ދުވަހު އެމްއެމްއޭ އިން ގެޒެޓްކުރި ގަވާއިދުގައި ވަނީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތެވެ. އެގޮތުން ދައުލަތަށް ނެގޭ ފައިސާ އާއި ދައުލަތަށް ނެގޭ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށް ކަމާބެހޭ އިދާރާއިން އެމްއެމްއޭގައި އެކައުންޓެއް ހުޅުވަންވާނެ ކަމަށާއި މި އެކައުންޓުން ފައިސާ ނެގޭނީ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރެެއްގައިވާ ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށް ވާނަމަ ކަމާބެހޭ އިދާރާއިން ކޯޓު އަމުރު ނެރެ، އެ އެކައުންޓެއް އޮތް ބޭންކަކަށް ހުށަހެޅުމުން ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު އެ އެކައުންޓުން އުނިކޮށް އެ ބޭންކަކުން އެފައިސާ ޖަމާކުރަންވާނެ ކަމަށް ވެސް މި ގަވައިދުގައި ވަނީ ބުނެފައެވެ. އަދި ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ދައުލަތުގެ އިދާރާއެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށް ވާނަމަ ކަމާބެހޭ އިދާރާއިން ކޯޓު އަމުރު އެ ފަރާތަކަށް ހުށަހެޅުމުން ކޯޓް އަމުރުގައިވާ ފައިސާ އެމްއެމްއޭގައިވާ އެކައުންޓަށް ޖަމާކުރަން ޖެހެއެވެ.

މީގެ އިތުުރުން ނައްތައިލަން ޖެހޭ މުދަލުގެ ތެރޭގައި ޖިނާއީ އިތުރު ކުށެއް ކުރުމަށް ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިންގުމަށް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ މުދަލާއި އެ މުދަލެއް އަތުގައި ބެހެއްޓުމަކީ ނުވަތަ އެ މުދަލެއްގެ މިލްކުވެރިކަން އޮތުމަކީ ނުވަތަ އެ މުދަލެއް ބޭނުންކުރުމަކީ ކުށެއް ކަމުގައިވާ ކޮންމެ މުދަލެއްވެސް ނައްތައިލަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. ކައުންޓާފީޓް މުދަލާއި އެ މުދަލެއް ބެހެއްޓުމުން އާންމުންގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބެލެވޭ މުދަލާއި އެ މުއްދަލެއް ބެހެއްޓުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ މުދާވެސް ނައްތައިލަން މި ގަވައިދު އަންގައެވެ.

ދައުލަތަށް ނެގޭ މުދާ ވިއްކައިލަން ވާނީ އެ މުދަލަކަށް ވާދަވެރި ރަނގަޅު އަގެއް ލިބޭނެ ގޮތަށް ކަމަށާއި ދައުލަތަށް ނެގޭ މުދަލަކީ ހިއްސާ ހިމެނޭ ގޮތުން ސެކިއުރިޓީސް ކަމަށް ވާނަމަ އެކަށީގެންވާ އަގެއްގައި ވީއެންމެ އަވަހަކަށް އެ ސެކިއުރިޓީސް ވިއްކާލަންވެސް ޖެހެއެވެ. ދައުލަތަށް ނެގޭ ސެކިއުރިޓީސް ފިޔަވައި 100,000 ރުފިޔާއަށްވުރެ އަގު ބޮޑު މުދާ ވިއްކައިލަން ވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ ބީލަމެއްގައި ކަމަށާއި ދައުލަތަށް ނެގޭ މުދާ ވިއްކައިލައިގެން ނުވަތަ ކުއްޔަށް ދީގެން ލިބޭ ފައިސާ އެމްއެމްއޭގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންވާނެ ކަމަށްވެސް މި ގަވައިދުގައި ބުނެއެވެ.