ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްޔެ ސާބިތުކޮށްދެއްވީ އެނގުމާއި ނޭނގުމުގެ ތަފާތު ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދަރަނީގެ ހިސާބުތައް އޮޅުންފިލުވުމުގެ ގޮތުން އެމަނިކުފާނުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރާއި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

އިއްޔެގެ ޖަލްސާގައި އެ ދެބޭފުޅުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަން ލީޑްކުރައްވާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ސާބިތު ކަމަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށާއި ރައީސް ޔާމީނުގެ ސަރުކާރުން ކަންކަން ކުރި ހަރުދަނާ ގޮތް ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުންނަށް އޮޅުންފިލާފައިވާ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ވަފާތެރިން ހަދަމުން ގެންދާ ދޮގު އޮޅުވާލުންތައް ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެފައިވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

"ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އައުވާނުން ހަދާ ދޮގާއި އޮޅުވާލާ އޮޅުވާލުން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާނެ ކަން ޔަގީން ކުރަން. ހަގީގަތުގައި މިއަދު މިވަނީ އެމްޑީޕީ ރަނގަޅަށް ބޮލާފޮށާ އެޅިފައި. އަދި ނަޝީދުގެ އަތަށް ގޮވާފައި،" މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި އަބްދުﷲ ޖިހާދު ވަނީ ޗައިނާ އިން ލޯނު ނަގަނީ އެ ލޯނުތައް ދައްކަން ދިގު މުއްދަތެއް ލިބިފައި އިންޓްރެސްޓް ރޭޓް ކުޑަވުމުން ކަމަށް ވިދާޅުވެ ކުރީ ސަރުކާރު ދިފާއު ކުރައްވައިފައެވެ.