އާސަންދައިގެ ދަށުން ފަރުވާއަށް އިންޑިއާއަށް ދިޔަ މީހަކު މަރުވެއްޖެއެވެ.
އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހް "ވަން" އަށް ވިދާޅުވީ އިންޑިއާއަށް ފަރުވާއަށްދިޔަ ފުރަތަމަ ބެޗްގެ މީހަކު މިއަދު މަރުވެފައިވާ ކަމަށެވެ.
މިއަދު އިންޑިއާގައި މަރުވެފައިވަނީ ފަރުވާ ހޯދަން ދިޔަ އުމުރުން 25 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ މަރުވެފައިވަނީ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އާޝިޔާ ވިދާޅުވިއެވެ.
އިންޑިއާއަށް ފަރުވާއަށް ދިޔަ އިތުރު މީހަކު މިއަދު މަރުވެފައިވާ އިރު، އިންޑިއާގެ ހާއްސަ ހުއްދައަކާއެކު އެގައުމަށް ބޭސްފަރުވާއަށް ދިޔަ ތިން ދިވެއްސަކު މީގެ ކުރިން ވަނީ މަރުވެފައެވެ. އާސަންދައިން ބުނީ އެތިން މީހުންނަކީ އިންޑިއާއަށް ދިއުމުގެ ކުރިންވެސް ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ތިން މީހުން ކަމަށެވެ.
މީގެ އިތުރުން އިއްޔެ ވަނީ ނޭވާ ލުމުގެ މައްސަލަަތަކަކަށް ފަރުވާ ހޯދަމުން ދިޔަ 11 މަހުގެ ކުއްޖަކު މަރުވެފައެވެ. ފަރުވާއަށް އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް އެކުއްޖާ ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.