ސަފާރީ އުޅަނދުފަހަރުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ބަންދުކުރުމަށްފަހު އަލުން ހުޅުވައިލުމުގައި ޓޫރިޒަމް ސިނާއަތުގެ އެންމެހައި މަސްލަހަތުވެރިން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުން ކަމަށެވެ.
"އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ބޭނުންވާ ޕީސީއާރު ޓެސްޓު ހެދުމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ސާކިއުލާއާ ގުޅިގެން އެ މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި މޯލްޑިވްސް ޕޮލިސް ސަވިސްއާ ގުޅިގެން ސަފާރީ އުޅަނދުފަހަރުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައި،" ބަޔާނުގައިވެއެވެ.
ސާމްޕަލް ނެގުން އިންތިޒާމު ކުރުމަށް ފަތުރުވެރިންގެ ތަފްސީލުތައް އެންބީއޭއެމްއަށް އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނު މެދުވެރިކޮށް ހިއްސާ ކުރަން ޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ފަތުރުވެރިން ފުރަން ދާއިރު ޓެސްޓުގެ ނަތީޖާ ލިބޭހާ ވަގުތު އޮއްވައި ސާމްޕަލް ނެގުމަށް ސަމާލުކަން ދޭންވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ސަފާރީތަކުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ސާމްޕަލް ނެގުމުގެ މަސައްކަތް އެންބީއޭއެމް އިން މިއަދު ވަނީ ފަށައިިފައެވެ. އެގޮތުން ބައެއް ފަތުރުވެރިންގެ ސާމްޕަލް މިއަދު ވަނީ ނަގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު