ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި ފަރުވާދެމުންދިޔަ 67 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު 12:12 ގައި މަރުވެފައިވާ ކަމަށެވެ.

އެމީހާއަކީ، އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންދިޔަ މީހެއް ކަމަށް ވެސް އެ ސެންޓަރުން ބުނެ އެވެ. މިއީ ކޮވިޑް19ގައި މިހާތަނަށް ރާއްޖޭގައި މަރުވި 20 ވަނަ މީހާއެވެ.

މިހާތަނަށް މިބަލީގައި މަރުވެފަައިވަނީ 15 ދިވެހިންނާއި 5 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. އަދި މިއަދު މަރުވި މީހާއަކީ މިމަހުގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ހަތަރު ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވި މީހުންގެ ޖުމުލަ އަދަދު ވަނީ 5157 އަށް އަރައިފައެވެ.