ކޮވިޑް 19 އަށް ދުނިޔޭގައި އުފެއްދި ފުރަތަމަ ވެކްސިން، ރަޝިއާގައި ރަޖިސްޓްރީ ކޮށްފިއެވެ.

ރަޝިއާގެ ގަމަލެޔާ ނެޝަނަލް ރިސާޗް ސެންޓަރުން އުފެއްދި ވެކްސިން އެގައުމުގެ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާކަން އިއުލާންކޮށްފައިވަނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އެވެ.

"މިއަދު ހެނދުނު، ދުނިޔޭގައި ފުރަތަމަ ފަހަރަށް ކޮރޯނާވައިރަހަށް އާ ވެކްސިނެއް މިވަނީ ރަޖިސްޓްރީ ކޮށްފައި،" ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކެބިނެޓް މިނިސްޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވި އެވެ.

ޕުޓިން ވިދާޅުވީ، އެ ވެކްސިން އުފައްދާފައިވަނީ ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްގެން ކަމަށެވެ. އަދި އެމަނިކުފާނުގެ ދެ އަންހެން ދަރިކަނބަލުންގެ ތެރެއިން އެއް ދަރިކަނބަލެއްގެ ގަޔަށް ވެކްސިންގެ ފުރަތަމަ ޑޯސް ދީފައިވާ ކަމަށާއި ދަރިކަނބަލުންގެ ހާލު ރަނގަޅު ކަމަށް ޕުޓިން ވިދާޅުވިއެވެ.

ރަޝިއާގެ ކަމާބެހޭ އިދާރާތަކުން ބުނީ، ކޮވިޑަށް އެގައުމުން އުފެއްދި ވެކްސިން ފުރަތަމަ ދޭން ނިންމާފައިވަނީ ސިއްހީ ހިދުމަތްތެރިންނަށާއި ޓީޗަރުން އަދި އެހެނިހެން ރިސްކު ގުރޫޕްތަކުގެ މީހުންނަށެވެ.

ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ރަޝިއާ އިންނެވެ. އެގައުމުން މިހާތަނަށް 897،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، 15،000 އަށްވުރެ ގިނަ މީހުން ވަނީ އެބަލީގައި މަރުވެފައެވެ.