ޔޫރަޕްގެ އެއާލައިންތަކާއި އެއާޕޯޓުތަކަށް އަނެއްކާވެސް ބޮމުގެ އިންޒާރުތަކެއް އަމާޒުވެއްޖެއެވެ. މިއީ އެއް ހަފުތާގެ ތެރޭގައި ދެވަނަ ފަހަރަށް، އޮޅުވާލުމުގެ ތެރެއިން ދިން މިފަދަ އިންޒާރެވެ.
ކަމާބެހޭ އިދާރާތަކާއި އެއާލައިންތަކާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ މަދުވެގެން 21 މަތިންދާބޯޓަކަށާއި އެކި އެއާޕޯޓުތަކަށް މި އިންޒާރުތައް ލިބިފައިވާއިރު، އިނގިރޭސިވިލާތުން ވަނީ މިއީ ނުބައި ނިޔަތެއްގައި ދީފައިވާ އޮޅުވާލުމުގެ އިންޒާރުތަކެއް ކަމަށް ބުނެފައެވެ. މި ހާދިސާތަކުގައި އޮސްޓްރިއާ، ބެލްޖިއަމް، ބަލްގޭރިއާ، ޗެކް ރިޕަބްލިކް، ފަރަންސޭސިވިލާތް، އިޓަލީ، ޕޮލެންޑް އަދި ރޮމޭނިއާއަށް ކުރި ދަތުރުތަކަށް ވަނީ ބުރޫއަރައިފައެވެ.
މި އިންޒާރުތަކާ ގުޅިގެން އިޓަލީ، ފަރަންސޭސިވިލާތް އަދި ބަލްގޭރިއާގެ އަސްކަރީ ޖެޓުތައް އިއްޔެ ހަރަކާތްތެރިވި ކަމަށް އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ. ޑަބްލިންއިން ރޯމްއަށް ދަތުރުކުރި އެއާ ލިންގަސްގެ ބޯޓެއް ފަރަންސޭސިވިލާތުގެ އަސްކަރީ ޖެޓުތަކުގެ އެހީގައި އެވްރޫ އަސްކަރީ މަރުކަޒަށް ޖެއްސިއިރު، ހެލްސިންކީއިން ރޯމްއަށް ދިޔަ ފިންއެއާގެ ބޯޓަކަށް އިޓަލީގެ އަސްކަރީ ޖެޓުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނިއުކާސަލްއާއި ގްލާސްގޯއިން ޕްރާގްއަށް ދިޔަ އީޒީޖެޓްގެ ބޯޓުތަކަށާއި ރަޔަންއެއާ އަދި ސްކައި އެކްސްޕްރެސްގެ ދަތުރުތަކަށްވެސް އިންޒާރު ލިބުނު ކަމަށް އެ އެއާލައިންތަކުން ބުންޏެވެ.
ޗެކް ރިޕަބްލިކްގެ ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އިންޒާރުތަކަކީ ހަގީގަތަކަށް ވުމުގެ ފުރުސަތު ކުޑަ އިންޒާރުތަކެއް ކަމަށެވެ. އަދި ލަންޑަންގެ ހީތުރޯއާއި ބާމިންހަމް އެއާޕޯޓަށް ލިބުނު އިންޒާރުތަކުގައިވެސް ހަގީގަތެއް ނެތް ކަމަށާއި، ބޯޓުތައް ބަލައި ފާސްކުރިއިރު ގޮވާ އެއްޗެއް ފެނިފައި ނުވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ. މީގެ ކުރިން އަންގާރަ ދުވަހުވެސް 7 ބޯޓަކަށް މިފަދަ އިންޒާރުތައް ލިބުނުއިރު، މިކަމުގެ ފަހަތުގައި ތިބި ބަޔަކާއި މަގުސަދު އަދި ކަށަވަރުވެފައެއް ނުވެއެވެ.
ޔޫރަޕް
ޔޫރަޕް
ޔޫރަޕް
ޔޫރަޕް
ކޮމެންޓް