ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު މަރުވެއްޖެ އެވެ.
މީދޫ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު ނަސީމު ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ނަސީމު ވިދާޅުވީ، މިއަދު ހެނދުނު 10:40 އެހާކަންހާއިރު މަރުވެފައި ވަނީ އުމުރުން 72 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.
މީދޫ ކައުންސިލުގެ މެންބަރު ރައްޒާނު ޒަރީރު "ވަން" އަށް ވިދާޅުވީ، އޭނާއަކީ އިންޑިއާއަށް އޮޕަރޭޝަނަކަށް ގޮސް، އެ އޮޕަރޭޝަން ނުކުރެވިގެން އެނބުރި ރަށަށް ދިޔަ މީހެއް ކަމަށެވެ. އޭނާ ރާއްޖެ އައުމަށް ހެދި ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ޒަރީރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. އެއީ މި ދުވަސްވަރު މަރުވާ އެންމެންގެ ވެސް ކޮވިޑަށް ޓެސްޓު ހަދާތީ އެ އުސޫލުންނެވެ.
ނަމަވެސް އޭނާ އިންޑިއާއަށް ބޭސްފަރުވާއަށް ދިޔައީ ކޮންއިރަކު ކަމެއް އަދި ހޯމް ކަރަންޓީނަށް ރަށަށް ދިޔައީ ކޮންއިރަކު ކަމެއް ކައުންސިލަކަށްވެސް ނޭނގެ އެވެ. މިކަމާ ގުޅޭގޮތުން މީދޫ ކައުންސިލުގެ ރައީސް އަދި ނައިބު ރައީސްއަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ، އިތުރު މައުލޫމާތެއް ނުލިބެ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު