ގޮންޖެހުންތައް އަބަދުވެސް ހުންނާނެ ކަމަށާއި އެހެން ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުންތައް ހޯދަމުން އައިސްފައިވާ ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ބުނެފި އެވެ.
ރާއްޖޭގެ ހުރިހާ ޑޮކްޓަރުން ބައިވެރިވާ، އެމްއެމްއޭ އިން ރޭ ކުރި ޓުވީޓުތަކެއްގައި ބުނީ ސިއްހީ ނިޒާމު އިތުރަށް ވަރުގަދަ ކުރަން އަޅަން ޖެހޭ ގިނަ ފިޔަވަޅުތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން އެ ޖަމިއްޔާ 2005 ގައި އުފެދުނީއްސުރެ މިހާ ތަނަށް ސިއްހީ ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭރުއްސުރެ މިދިޔަ އަހަރު ތަކުގެ ތެރޭގައި ސިއްހީ ނިޒާމު ކުރިއެރުންތައް ހޯދަމުން އައިސްފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައި ވެއެވެ.
އެމްއެމްއޭއިމް ބުނީ، ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ.
އެގޮތުން އާއްމުންގެ ތެރެއަށް ބަލި ފެތުރުނަ ނުދީ ކޮންޓްރޯލްކުރަން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މުއައްސަސާތަކަށް ލަފާ ދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނޭ އެ އެސޯސިއޭޝަންގެ ޑޮކްޓަރުންގެ ވެސް ލަފަޔާއެކު ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އެދެވޭ ރަނގަޅު ނަތީޖާތަކެއް ފެނި ރާއްޖެއަށް ކުރިއަށް ދެވުނު ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
"އެންމެ މުހިންމު ކަމަކަށް މި ދަތި އުދަނގޫތަކުން ދައްކައިދިނީ ވަކިވަކިން އުޅުމުގެ ބަދަލުގައި ގުޅިގެން މަސައްކަތް ކުރުމުން ކުރާ ފައިދާ މާބޮޑުކަން. މި ރޫހުގައި، ސިއްހީ ދާއިރާގައި ނުވަތަ ސިއްހީ ކަންތައްތައް ހަމަޖެއްސުމާ ބެހޭ އެހެން ދާއިރާތަކުގައި ވެސް ސަރުކާރާއެކު މަަސައްކަތް ކުރަން އަޅުގަނޑުމެން ތައްޔާރަށް ތިބިކަން އަނެއްކާ ވެސް ކަށަވަރު ކޮށްދެން،" އެމްއެމްއޭގެ ޓުވީޓުގައި ބުނެފައިވެ އެވެ.
އެމްއެމްއޭ އިން މިގޮތަށް ޓުވީޓުކޮށްފައިވާ އިރު، މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ބައެއް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވަނީ ހެލްތު މިނިސްޓްރީއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލް ވެފައިވާ ކަމަށްބުނެފަ އެވެ.
އެ ވާހަކަތަކަށް ރައްދުދީ ހެލްތު މިނިސްޓްރީން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ސިއްހީ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމުގައި މިހާރުވެސް އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ މި ދާއިރާގެ ހާއްސަ ގިންތިތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމަށާއި ފަންނީ ނިންމުންތަކަކީ ފަންނީ މީހުންގެ މައްޗަށް އެކުލަވާލެވޭ ކޮމިޓީތަކާއި އެކަމާ ގުޅޭ އެންމެހާ މައުލޫމާތަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށެވެ.
އޭގެ އިތުރުން ސިއްހީ ހިދުމަތްތަކަކީ ކަނޑައެޅިފައިވާ މިންގަޑުތަކާއި އުސޫލުތަކަށް ބިނާކޮށް ދެވޭ ހިދުމަތްތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތްތައް އަބަދުވެސް ކުރިއަށްގެންދާކަން ފާހަގަކޮށް، ކޮވިޑާ ގުޅިގެން އެކުލަވާލައި އަދި އާއްމުކުރެވޭ ހުރިހާ ގައިޑްލައިންތަކަކީ ވެސް މި އަސާސްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށް އަދާހަމަކުރެވޭ ގައިޑްލައިންތަކެއް ކަމަށާއި އަދި ކޮވިޑްގެ ހާލަތަކީ އަވަސް އަވަހަށް ބަދަލުވަމުން އަންނަ ހާލަތެއްކަމުން އެކި ކަންކަމާގުޅޭ ގޮތުން އެކުލަވާލެވިފައިވާ ގައިޑްލައިންތައް ވަގުތުން ވަގުތަށް ބަދަލުކުރެވެމުން އަންނަ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު