ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދާ އިންސްޕެކްޝަނުގައި ބަންދުކުރި ތަންތަނުގެ ތެރެއިން މިހާތަނަށް ނުހުޅުވި ވަނީ ހަތް ތަނެއް ކަމަށް އެ އެޖެންސީން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނަސީރު ވިދާޅުވީ، އެޗްޕީއޭއާއި ފުލުހުންގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގައި ގަވައިދަށް ނުފެތޭ 258 ތަނެއް މިހާތަނަށް ބަންދު ކުރެވިފައިވާ ކަމަށެވެ.

ބަންދު ކުރެވުނު ތަންތަނުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ހިދުމަތްދޭ 92 ތަނަކާއި 107 ފިހާރައަކާއި 51 ސެލޫންގެ އިތުރުން ދެ ޖިމާއި ހަ މާރުކޭޓެވެ.

ނަސީރު ވިދާޅުވީ، ގައިޑްލައިނާ ހިލާފުވެގެން ބަންދު ކުރާ ތަންތަނުން ގައިޑްލައިނާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް ފަހު އެޗްޕީއޭއަށް އެންގުމުން، އެޗްޕީއޭގެ އިންސްޕެކްޓަރުން ގޮސް އެތަން ބެލުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަ ދޭ ކަމަށާއި އެގޮތުން މިހާތަނަށް ނުޅުވި ހުރީ ބަންދުކުރި ތަންތަނުގެ ތެރެއިން ހަތް ތަނެއް ކަމަށެވެ.

"މިހާރު އަމަލު ކުރެވޭ އުސޫލަކީ ކޮންމެ ދުވަހަކުވެސް ބަންދު ކުރެވުނު ތަންތަން އަޅުގަނޑުމެން ޖެހިގެން އަންނަ ދުވަހު ހުޅުވަން. އެގޮތުން މިހާތަނަށް އަޅުގަނޑުމެންނަށް ނުހުޅުވި ވަނީ ޖުމްލަ ހަތް ތަނެއް. އެއީ ދެ ސެލޫނާއި ދެ ފިހާރައާއި ކާބޯތަކެތީގެ ހިދުމަތްދޭ ތިން ތަނެއް،" ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، އޭގެ ތެރެއިން ސެލޫން ފިޔަވައި އެހެން ހުރިހާ ތަނެއް ނުހުޅުވި ވަނީ ވެރި ފަރާތުން އެތަން ހުޅުވުމަށް އެދިފައި ނުވާތީ ކަމަށެވެ.

މީގެ އިތުރުން ނަސީރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މާސް އިންސްޕެކްޝަން ކުރިއަށްގެންދާނެ ކަމަށެވެ.