ދައުލަތުގެ ދަރަނީގެ މައްސަލައިގައި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ މިނިސްޓަރު އަހުމަދު މުނައްވަރާއި އަބުދުﷲ ޖިހާދުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީއަށް ހާޒިރުރަން އެ ކޮމިޓީން ފާސް ކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޖިހާދާއި މުނައްވަރު އަދި މިހާރު ހުންނެވި އަމީރު ސަރުކާރުގެ ދަރަނި ރަނގަޅަށް ބަލަހައްޓަވަމުން ނުގެންދަވާތީ ދައުލަތުގެ ދަރަނި ސާފު ނުވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ މައްސަލައަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށްފަހު، އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށް މުޅި އެ މައްސަލަ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުއްވައިފަ އެވެ.

ކޮމިޓީގައި މިއަދު އެކަމާގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ބަހުސްގައި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މިނިސްޓަރު އަމީރުގެ އިތުރުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާއި އެމްއެމްއޭ ގަވަރުނަރު އަލީ ހާޝިމް ވެސް މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅައިފަ އެވެ. އެބޭފުޅުން ހާޒިރުކޮށް މައްސަަލަ އޮޅުން ފިލުވުމަށްފަހު، އެކަމުގެ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްއާ ހަވާލު ކުރުމަށް ވެސް ޝަރީފު ހުށަހެޅުއްވި އެވެ.

ޝަރީފުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިތުރު ހުށަހެޅުއްވުމެއް، ހުށަހެޅުއްވި އެވެ. އެއީ ލޯނުތައް ނެގި މުއްދަތުގައި ފިނޭންސް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ހާޒިރުކުރަން ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. އެ ހުށަހަހެޅުންތައް ކޮމިޓީން ފާސްކުރީ، އެވަގުތު މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ތިއްވެވި، 56 މެންބަރުންގެ އިއްތިފާގުންނެވެ.

އެގޮތަށް ފާސް ކުރުމާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މާދަމާގެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވުމަށް އެ ބޭފުޅުންނަށް ދަންނަވާނެ ކަމަށެވެ.

އޭގެ އިތުރުން އެކިއެކި ކަންކަމަށް ސަރުކާރުން ގިނަ އަދަދެއްގެ ރަށް ކުއްޔަށް ދީފައިވާއިރު ބައެއް ކުންފުނިތަކުން އެ ރަށްތަކުގެ ހެޑްލީސް ބޭންކުތަކުގައި ބަހައްޓާފައިވާތީ، ރާއްޖޭގެ ރަށްތަކުގެ ހެޑްލީސްތައް މިވަގުތު ހުރީ ކޮންކޮން ބޭންކު ތަކެއްގައިތޯ، ޓޫރިޒަމް މިނިސްޓްރީއަށް ލިޔެ، މާދަމާގެ ޖަލްސާއަށް ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.