ކުރީގެ ފިނޭންސް މިނިސްޓަރުންނާއި މިހާރު ހުންނެވި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަރުކާރުގެ ދަރަނި ރަނގަޅަށް ބަލަހައްޓަވަމުން ނުގެންދަވާނީ ދައުލަތުގެ ދަރަނި ސާފު ނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފިއެވެ.

އެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މަޖިލިސް ރައީސް ހުށަހަޅުއްވާފައި ވަނީ ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ކަމާ ގުޅޭ ގާނޫނާ އެއްގޮތަށް ނުހިނގާތީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތުގެ ދަރަނި އޮޅުން ފިލާފައި ނުވާތީ މެންބަރުންގެ މެދުގައި ބަހުސް ކުރެއްވުމަށްފަހު އެކަމަށް ގޮތެއް ނިންމަވައިދެއްވުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ބަހުސަށް އެ މައްސަލަ ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުން ލޯނެއް ނަގާތާ 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށް ގާނޫނުުގައި ބުނާ ކަމަށެވެ.

އެގޮތުގެ މަތިން 2013 އިން 2018 ވަނަ އަހަރާ ދެމެދު ތިއްބެވި އެކިއެކި ފިނޭންސް މިނިސްޓަރުން އެ މައުލޫމާތުތައް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ދައުލަތުގެ ދަރަނީގެ ގޮތުގައި ފާހަގަ ކޮށްފައިވާ އަދަދުތަކާއި މަޖިލީހަށް ލިބިފައިވާ އަދަދުތަކާ ފުށު އަރައި ދައުލަތުގެ ދަރަނީގެ މިންވަރަކީ ކޮބައިކަން ސާފު ނުވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ރައްޔިތުންގެ ނަމުގައި ދައުލަތުން ނަގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަ ކޮށްފައިވާ ހަތަރު ލޯނެއްގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގައި ނެތް ކަމަށާއި މަޖިލީހުގައި އޮތް ދެ ސޮވެރިން ގެރެންޓީގެ މައުލޫމާތު ފިނޭންސް މިނިސްޓްރީގައި ނެތް ކަމަށް އެ މިނިސްޓްރީން ބުނާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. ދައުލަތުން ނަގާފައިވާ ބައެއް ލޯނުތަކާއި ދޫކޮށްފައިވާ ބައެއް ގެރެންޓީތަކުގެ ތަފްސީލު މެންބަރުންގެ މައުލޫމާތަށްޓަކައި މަޖިލިސް ރައީސް ވަނީ ވިދާޅުވެދެއްވައިފައެވެ.

އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓަށް ނަގާފައިވާ 455 މިލިއަން ޔުއާންގެ ލޯނު ނެގުމަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާއާ އެކު 14 ޖުލައި 2016 ގައި ހަދާފައިވާ އެއްބަސްވުމާއި ސަނީ ސައިޑް ބޮންޑުގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ބޮންޑް ހޯލްޑާސްއާ އެކު ހަދާފައިވާ އެއްބަސްވުން ހިމެނެއެވެ. އެއީ 31 މެއި 2017 ގައި ހަދާފައިވާ އެއްބަސްވުމެކެވެ.

މީގެ އިތުރުން ޕްރޮޖެކްޓް އިސްރަގާއަށް 100 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ފަސްޓް އަބޫދާބީ ބޭންކާއެކު 26 އޭޕްރީލް 2018 ގައި ވި އެއްބަސްވުމާއި ހުޅުމާލެ ދެވަނަ ފޭސްގެ ޕްރޮޖެކްޓަށް 2018 ވަނަ އަހަރު ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 16.8 މިލިއަން ޑޮލަރުގެ ގެރެންޓީގެ މައުލޫމާތު ވަނީ ހިއްސާ ކުރައްވައިފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫ ކުރިއަށް ގެންދިއުމަށްޓަކައި 2016 ގައި އޮސްޓާ ހޯލްޑިންގްސް އަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 327.8 މިލިއަން ޑޮލަރުގެ ގެރެންޓީ އާއި ފޭސް 2 ގައި 1،000 ހައުސިން ޔުނިޓްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 2016 ގައި ޖީ ވިތު ނޭޖާ ލަންކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 65.2 މިލިއަން ޑޮލަރުގެ ގެރެންޓީއާ ބެހޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ތަފްސީލުތަކުގައި ނެތް ކަމަށެވެ.

"ގާނޫނު އެބަ ބުނޭ ދައުލަތުގެ ދަރަނި ބަލަހައްޓަން ޖެހޭ ގޮތް. ކޮންމެ މަހަކު ކޮންމެ ތިންމަހަކުން ކުރަން ޖެހޭ ކަންކަން، ކޮންމެ އަހަރަކު ދެފަހަރު ކުރަންޖެހޭ ކަންކަން، އެސްކްރޯ އެކައުންޓެއް ހުޅުވަން ޖެހޭ، އެ އެކައުންޓަށް ފައިސާ ޖަމާކުރަން ޖެހޭ، ބަޖެޓުގައި އަޅުގަނޑުމެން އެލޮކޭޓް ކުރަންޖެހޭ، ސޮވެރިން ގެރެންޓީ ދީފިނަމަ ކޮންޑިންޖެންޓް ލައިބިލިޓީ، ބަޖެޓުގައި މިދަރަނި އަޅުގަނޑުމެން އެލޮކޭޓް ކުރަންޖެހޭ،" މަޖިލިސް ރައީސް ވިދާވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ފިނޭންސް މިނިސްޓަރުން ދައުލަތުގެ ދަރަނި ރަނގަޅަށް ބަލަހައްޓާފައި ނުވުމާއި މިހާރު ހުންނެވި ފިނޭންސް މިނިސްޓަރުވެސް ދަރަނި ރަނގަޅަށް ބަލަހައްޓަވައިފައި ނުވުމުގެ ސަބަބުން ދައުލަތުން ދީފައިވާ ގެރެންޓީއެއް ހަމަވާން އެންމެ ފަހު ވަގުތަށް ވެފައި ވަނިކޮށް އެކަން ހައްލު ކުރައްވަން ޖެހިވަޑައިގެންނެވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިކުމެވަޑައިގަންނަވައިގެން ކަމަށެވެ.