ހދ. އަތޮޅުގެ ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުސޫމް މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބިފައިވާ ކަން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

އޮފިޝަލު ވިދާޅުވީ، އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ސިޓީގައި ބަޔާން ކޮށްފައިވަނީ އޭނާގެ ޒާތީ ވާހަކަތަކެއް ކަމުން އިސްތިއުފާ ދެއްވި ސަބަބެއް އާންމުކުރެވެން ނެތް ކަމަށެވެ.

މައުސޫމް މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، މައުސޫމު މެޖިސްޓްރޭޓްކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމި މައްސަލަ ދިރާސާކޮށް އޭނާ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އިއްޔެ ފާސްކޮށްފަ އެވެ. އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ވެސް ކޮށްފަ އެވެ.

މައުސޫމު މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ ރިޝްވަތާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެންނެވެ. އަދި އެ މައްސަލައިގައި އޭނާ ހުންނެވީ ވެސް ސަސްޕެންޑް ކޮށްފަ އެވެ.