ޖުޑީޝަރީ ސާވިސް ކޮމިޝަން (ޖޭއެސްސީ)އަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ގޮތްޕެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިޔާމް ރޭ ވިދާޅުވީ، ޖޭއެސްސީގެ ކޮމްޕޯސިޝަން ބަދަލު ކުރަން ޖެހޭ ކަމަށާއި، މިހާރު މިއޮތް ގޮތުން، ޖޭއެސްސީ އަކީ އިންސާފުވެރި ތަނެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އަންނަންވެގެން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ ފަނޑިޔާރުގެ އިސްލާހު ކުރާނެ ވާހަކަ ކަމަށެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރުވެގެން ދާއިރުވެސް އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތްއިރުވެސް ފަނޑިޔާރުގެ އިސްލާހު ކުރަން އުޅޭ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޖޭއެސްސީގެ ކޮމްޕޯސިޝަން ބަދަލު ކުރަން މި ސަރުކާރުން ޖެހިލުންވާ ކަމަށް ވިދާޅުވިއެވެ.

"އެބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ޖޭއެސްސީއަށް ސިޔާސީ ނުފޫޒެއް ނެތް" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ޖޭއެސްސީގެ ރައީސަކަށް މިއަދު ހުންނެވީވެސް ސިޔާސީ ބޭފުޅެއް ކަމަށާއި އެކޮމިޝަންގައި ގިނައިން ތިއްބެވީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ކަމަށެވެ. އެހެންކަމުން ޖޭއެސްސީގައި މިނިވަންކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"ޖޭއެސްސީއަކީ މިނިވަންތަނެއްގެ ގޮތުގައި އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކަށް ނުފެނޭ. މިނިވަންކަމުގެ ޒައްރެއްގެ މިންވަރުވެސް ޖޭއެސްސީއަކުން ނުފެނޭ. ޖޭއެސްސީއަކީ ހަމަ ސީދާ އެމްޑީޕީގެ ގޮތްޕެކޭ ތަކުރާރުކޮށް އަޅުގަނޑު މި ދަންނަވަނީ އެހެންވެ." ޝިޔާމް ވިދާޅުވިއެވެ.

ޖޭއެސްސީގައި ތިއްބަވަނީ ދިހަ ބޭފުޅުންނެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ރައީސާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލިހުން ކަނޑައަޅާ މެންބަރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅަކާއި ބަންޑާރަ ނައިބު ހިމެނިވަޑައިގަންނަވައެވެ.