މާފަންނު ފެއަރީ ކޯނަރު، އަލީ ޝިފާން މަރާލިކަން ސާބިތުވެގެން، ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ، އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ތިން އަހަރު ފަހުން ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން އެންމެ ފަހުން ތާވަލް ކޮށްފައިވަނީ، މީގެ ތިން އަހަރާއި ހަތަރުމަސް ކުރިން 6 އޭޕްރީލް 2017 ގައެވެ. ނަމަވެސް އެ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ.

އޭގެކުރިއަށް އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމްކޯޓުގައި ތާވަލްކޮށްފައިވަނީ، މީގެ ހަތަރު އަހަރާއި ނުވަމަސް ކުރިން 22 ނޮވެމްބަރު 2016 ގައެވެ. އެ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ.

ޝައިފަންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފައި ވަނިކޮށް ހައި ކޯޓުން އެ މައްސަލަ ބެލުމަށް ފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މަރަން ހުކުމް ކޮށްފައި ވަނީ މީގެ ހަތަރުއަހަރާއި ތިންމަސްކުރިން 10 މެއި 2016 ގައެވެ.

އަލީ ޝިފާންގެ މަރުގެ މައްސަލައިގައި، ޝައިފަންގެ އިތުރުން ދެން ދައުލަތުން ދައުވާ އުފުލައިފައި ވަނީ މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށެވެ. ނަމަވެސް އެ ދެމީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި، އެދެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށް ކަނޑައަޅައިފައިވާ ބަޔަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ޝިފާން މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:40 ހާކަންހާ އިރު ވެސްޓުޕާކް ރެސްޓޯރަންޓް ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުންނެވެ.