ބ. ކަމަދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކަމަދޫން ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް އިއްޔެ ނެގި ސާމްޕަލުން ކަމަށް އެ އެޖެންސީން ބުނެ އެވެ.

މިއީ ކަމަދޫން ފެނުނު ދެވަނަ ޕޮޒިޓިވް ކޭސް އެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު އެރަށު ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ކަމަދޫގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ. މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ސިޓީން ފެނުނު ދެވަނަ ޕޮޒިޓިވް ކޭސް އެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި މިވަގުތު އެކްޓިވް ކޮވިޑް ކޭސް 13 ރަށަކުން ފެނިފައިވެ އެވެ. އެއީ ސ. ފޭދޫގެ އިތުރުން ހއ. ކެލާ، ހއ. ހިގަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ، ކުޑަރިކިލު، ބ.ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ.ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ އަދި ފުވައްމުލަކު ސިޓީއެވެ.

ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ފަހަކަށް އައިސް އިތުރުވެފައިވާ އިރު، ރަށްރަށަށް ދާން ހުއްދަ ދޭ އުސޫލު ވަނީ ހަރުކަށި ކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން ރަށްރަށަށް ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ އެވެ.

އެއީ މެޑިކަލް އިމަޖެންސީއެއްގައި ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް ތިބި މީހުންނާއި މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހިފައިވާ މީހުންނާއި ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދާން ބޭނުންވާ ފަރާތްތަކާއި ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާއަށް ރަށަށް ބަދަލުވާންޖެހޭ ފަރާތްތަކާއި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ މީހުންނެވެ.