ބޮޑު ތަފާތަކުން ޗެލްސީ ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަޔާން މިއުނިކް ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލަށް ބަޔާން ދަތުރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ރޭ 4-1 ން ޗެލްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-0 ން ބަޔާނުން ކާމިޔާބުކުރިއިރު، އެގްރިގޭޓުން ބަޔާނަށް ކުރި ލިބުނީ 7-1 ގެ ބޮޑު ތަފާތަކުންނެވެ.
ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ޕެނަލްޓީއަކުން ބަޔާނަށް ލީޑު ނަގައިދީފައެވެ. ބަޔާންގެ ދެވަނަ ލަނޑަކީ މެޗުގެ 24 ވަނަ މިނެޓުގައި އިވާން ޕެރިސިޗް ކާމިޔާބު ކޮށްދިން ލަނޑެކެވެ.
އޭގެ ހަތަރު މިނެޓު ފަހުން ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން އޮޑޯއި ލަނޑެއް ކާމިޔާބުކުރި އެވެ. ނަމަވެސް އެޓީމުގެ ފޯވާޑް ޓެމީ އަބްރަހަމް އޮފްސައިޑްގައި ހުރުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފުރީ ވަނީ ލަނޑެއް ނޫން ކަމަށް ނިންމައިފައެވެ.
ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޗެލްސީގެ ޓެމީ އަބްރަހަމް ވަނީ އެޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މި މެޗުގައި ބަޔާނުން ދެވަނަ ފަހަރަށް ލީޑު ފުޅާކުރީ މެޗުގެ 76 ވަނަ މިނެޓުގައި އެޓީމުގެ ކޮރެންޓިން ޓޮލީސޯއެވެ. މެޗުގެ 84 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ރޭގެ މެޗުން މޮޅުވެ ބަޔާން ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގެ މެޗުތައް އަންނަ ބުދަ ދުވަހުގެރޭ ފެށުމަށް ވަނީ ނިންމައިފައެވެ. ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުޅޭ ކުއާޓާގައި މި މަހުގެ 13 ވަނަ ދުވަހު އެޓާލާންޓާ އާއި ޕީއެސްޖީ ބައްދަލު ކުރާއިރު 14 ވަނަ ދުވަހު އާރުބީ ލެއިޕްޒީގް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރާނެއެވެ. އަދި 15 ވަނަ ދުވަހު ބާސެލޯނާ އާއި ބަޔާން މިއުނިކް ބައްދަލު ކުރާއިރު މެންޗެސްޓާ ސިޓީ އާއި ލިޔޯންގެ މެޗް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު