ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ކޯޓުން އެގޮތަށް އަމުރުކުރުމުން ފުލުހުން މިއަދު ވަނީ އޭނާގެ ވަނަ ވަރު އާންމުކޮށްފަ އެވެ. އެ މައްސަލައިގައި ހައްޔަރުކޮށް، ބަންދުކޮށްފައިވަނީ ގދ. ތިނަދޫ، ގްރީންވާޑް، ޝުއާއު ޝަރީފު، 32 އ. އެވެ.

އެމައްސަލައާ ގުޅިގެން ޝުއާއު ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ އޭނާ ދޫކޮށްލަން ނިންމި އަމުރު މުރާޖާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަލުން ކޯޓަށް ހުށަހެޅުމުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ޝުއާއު ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ކަމެއް ކަމަށާއި އަދި އެއީ ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޭނާއަށް ލިބިގެންދާ ކަމަށެވެ.

އޭގެ އިތުރުން ޝުއާއުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށް އޭނާގެ ފަރާތުން ހިނގާފައިވާ ކަމަށް ބެލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހުށަހެޅި ހެކިތަނުން ސާބިތުވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި ޝުއާއުއަކީ މަސްތުވާތަކެއްޗާއި ގެވެށި އަނިޔާގެ ކުށުގެ ރެކޯޑެއް އޮންނަ މީހެކެވެ.