ޖޭއެސްސީގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ، ޖުޑިޝަރީ ހިސޯރު ކުރައްވަމުން ކަމަށާއި، އެކަން ނުކުރައްވައި ޖޭއެސްސީގެ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.
އެކަމަށް ގޮވާލައްވައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ޖާބިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ރައްޔިތުން ވޯޓު ދިނީ ޖުޑިޝަރީ މިނިވަން ކުރުމުގެ ވައުދު ތަންފީޒު ކުރުމަށް ކަމަށެވެ.
ނަމަވެސް މިއަދު މިފެނިގެންދަނީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވައިގެން ޖުޑިޝަރީ ހިސާރު ކޮށްފައިވާ މަންޒަރު ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އެކަމަކީ ޑީއާރުޕީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޖުޑިޝަރީ މިނިވަން ކުރުމަށްޓަކައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީން އިސްތިއުފާދިނުމަށް ގޮވާލައްވާ ކަމަަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ޖޭއެސްސީގައި އެއްވެސް ސިޔާސީ މީހަކު ނީންނާނެ ގޮތަކަށް ގާނޫނު އިސްލާހު ކުރަން ގޮވާލައްވާ ކަމަށެވެ. ނޫން ނަމަ ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ގޮތަށް ޖޭއެސްސީ އެކުލަވައިލުމަށް ވެސް ޖާބިރު ވަނީ ގޮވައިލައްވައިފައެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު