2014 ވަނަ އަހަރު އޮގަސްޓު މަހު އަށްވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަނީ މުއައްސަސާތައް ފެއިލް ވެފައި ވާތީ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
ރިލްވާން ގެއްލުނުތާ މިއަދަށް ހަ އަހަރު ފުރުމާ ގުޅިގެން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދިން އިން އިންޓަވިއުއެއްގައި ރިލްވާންގެ ދައްތަ ޝެހެނާޒް އަދުނާން ވަނީ އިންސާފު ނުލިބި ލަސްވަނީ މުއައްސަސާތައް، ހާއްސަކޮށް ފުލުހުންގެ މުއައްސަސާ ފެއިލް ވެފައިވާތީ ކަމަށް ބުނެފައެވެ.
އެގޮތުން މިހާރުވެސް ފުލުހުންގެ މުއައްސަސާގައި ތިބި މީހުންނަށް އާއިލާއިން އިތުބާރު ނުކުރާ ކަމަށް ޝެހެނާޒް ބުންޏެވެ. ޝެހެނާޒް ވަނީ މިހާރުވެސް ފުލުހުންގެ އިދާރާގައި ރިލްވާން އަށް ފާރަލީ މީހުން ވަޒީފާގައި ތިބި ކަމަށް ބުނެފައެވެ. އަދި ރިލްވާންއަށް އަނިޔާ ދޭން ކަންކުރި މީހުން އެހެން މުއައްސަސާތަކުގައިވެސް ތިބި ކަމަށް ޝެހެނާޒް ތުހުމަތު ކުރިއެވެ.
މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކި ފަހަރު މަތިން ރިލްވާންގެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަވައިފައިވަނީ ސިޔާސީ މަންފާއެއް ހޯއްދެވުމަށް ކަމަށް ޝެހެނާޒް ބުންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ލައިވް ޓީވީގައި އެއް ފަހަރު ރިލްވާން މަރުވެފައިވާ ކަމަށް ވިދާޅުވެ، އަނެއްފަހަރު ރިލްވާން ދުނިޔޭގައި ހުރި ކަމަށް ވިދާޅުވުމުން އެމައްސަލަ ވެސް މިހާތަނަށްވެސް ތަހުގީގު ކުރެވިފައި ނުވާކަމަށް ޝެހެނާޒް ބުންޏެވެ.
ރިލްވާންގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ވޭތުވެދިޔަ ފަސް އަހަރުތެރޭ ނުދާ މުއައްސަސާއެއް، ނުދާ ވެރިއެއް ނުހުންނާނެ ކަމަށް ޝެހެނާޒް ބުންޏެވެ. ނަމަވެސް ވޭތުވެ ދިޔަ ފަސް އަހަރު އޮތީ އަނިޔާވެރި ސަރުކާރެއް ކަމަށާއި، އުއްމީދެއް ލިބުނީ މި ސަރުކާރު އައި ފަހުން ކަމަށްވެސް ޝެހެނާޒް ފާހަގަ ކުރިއެވެ.
މިހާރު އާއިލާގެ އެންމެ ބޮޑު އުއްމީދަކީ މި ސަރުކާރު އައިފަހުން އެކުލަވައިލި މަރު ކޮމިޝަން ކަމަށް ޝެހެނާޒް ފާހަގަކުރިއެވެ. ޝެހެނާޒް ވަނީ އާއިލާއިން މިހާރު އިންތިޒާރު ކުރަނީ މަރު ކޮމިޝަނުގެ ތަހުގީގަށް ކަމަށް ބުނެފައެވެ. އަދި ރިލްވާން މަރާލި ގޮތުގެ ވާހަކަ މަރު ކޮމިޝަނުން ހާމަކުރި އިރު އެފަދަ ވާހަކައެއް މީގެ ކުރިން އަޑު އިވިފައި ނުވާ ކަމަށާއި، އެ ދުވަހު އެވާހަކަތަކުން "ޝޮކެއް" ލިބިގެން ދިޔަ ކަމަށް ޝެހެނާޒް ބުންޏެވެ. ޝެހެނާޒް ވަނީ ރިލްވާން މަރުވެގެން ދިޔައީ އެފަދަ ގޮތަކަށް ކަމަށް އަދިވެސް އާއިލާއަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފައެވެ.
ޝެހެނާޒް ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އާއިލާއިން ބައްދަލުކޮށް، ރިލްވާނުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ މާހިރަކު ގެނައުމަށް ހުޅަހަޅައިފައިވާ ކަމަށެވެ. އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އާއިލާއަށް ރައީސް ސޯލިހު ދެއްވި ކަމަށް ޝެހެނާޒް ބުންޏެވެ.
2014 ވަނަ އަހަރު އޮގަސްޓުމަހުގެ އަށްވަނަ ދުވަހުގެ ރޭ ރިލްވާން ވަގަށް ނަގައިފައިވަނީ ހުޅުމާލެއިން އޭނާ ދިރިއުޅޭ ގޭގެ ކައިރިންނެވެ. މަރު ކޮމިޝަނުން ވަނީ އެ ރޭ ރިލްވާން ގަދަ ކަމުން ކާރަށް އަރުވައިގެން، ހުޅުމާލޭ ފަޅުގައި އަޅާފައިވާ ޑިންގީއަކަށް ގެންދިޔަކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ޑިންގީގައި އޭނާ އިތުރު އުޅަނދަކަށް ގެންދިޔަ ކަމަށާއި، އޭނާ މަރާލީ އެ އުޅަނދުގައި ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ.
އަހުމަދު ރިލްވާން އަބްދުﷲ
އަހުމަދު ރިލްވާން އަބްދުﷲ
އަހުމަދު ރިލްވާން އަބްދުﷲ