ރިޔާސީ ކޮމިޝަން، ކޮމިޝަން އޮން ޑިސަޕެއަރެންސް އެންޑް ޑެތްސްއިން ތަހުގީކުރި ނޫސްވެރިޔާ އަހުމަދު ރިލްވާން މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އަހްމަދު މުއާޒު (ގަޓު މުއާ) އޭނާ ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަންކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ސިވިލް ކޯޓުގައި މުއާ ދައުވާކޮށްފައިވަނީ ރިޔާސީ ކޮމިޝަންގެ ރައީސް ގދ. ފަރެސްމާތޮޑާ، ބަގީޗާގެ، ފަރީޝާ އަބްދުﷲ، ކޮމިޝަންގެ މެންބަރު ގދ. ރަތަފަންދޫ، ބަހާރީވިލާ، މިސްބާހު އައްބާސް އަދި ކޮމިޝަންގެ އިތުރު މެންބަރެއް ކަމަށްވާ މާލެ، މއ. ގޯލްޑަންމޫން، އަހުމަދު ނާޝިދު އެވެ.
އެ ތިން މީހުންނާ ދެކޮޅަށް މުއާ ބުނީ ރިލުވާނުގެ މައްސަލައާ ގުޅިގެން 26 ޖޫން 2022 އިން ފެށިގެން 21 ނޮވެމްބަރު 2023 އާ ހަމައަށް އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާ ކަމަށެވެ. މުއާ ބުނީ ރިޔާސީ ކޮމިޝަންގެ ތިން މެންބަރުން އެ ތަހުގީގު ހިންގައިފައިވަނީ ރަނގަޅު ނިޔަތެއްގައި ނޫން ކަމަށެވެ. ޖަލުގައި އޭނާ ބަންދުކޮށްފައި ހުރީ ވަރަށް އެކެހެރިކޮށް ކަމަށް މުއާ ބުންޏެވެ. އެހެންކަމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 4،451،195.25 ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައިއާއި ހަމަ އެ އަދަދަށް އެގްރެވޭޓެޑް ޑެމޭޖުސްގެ ބަދަލު ނަގައިދިނުމަށް މުއާ ވަނީ އެދިފައެވެ. އަދި ވަނީ އެގްޒަމްލަރީ ޑެމޭޖްސްގެ ގޮތުގައި 500،000 ރުފިޔާ، ޕްރޮސިކިއުޓާ ޖެނެރަލް އާއި ރިޔާސީ ކޮމިޝަންގެ މެންބަރުގެ އަތުން ނަގައިދިނުމަށްވެސް އެދިފައެވެ.
ޕީޖީ އޮފީހުގެ ފަރާތުންނާއި ރިޔާސީ ކޮމިޝަންގެ ތިން މެންބަރުންގެ ފަރާތުން ބުނެފައި ވަނީ މި މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށެވެ.
ރިޔާސީ ކޮމިޝަންގެ ތަމްސީލު ކޮށްފައިވަނީ އެޓާނީ ޖެނަރަލް އޮފީސް (އޭޖީ) އޮފީހުންނެވެ. އޭޖީ އޮފީހުން ބުނީ ރިޔާސީ ކޮމިޝަން އުފައްދައިފައިވަނީ 17 ނޮވެމްބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަމަށެވެ. އޭގެ ފަހުން 02 ޖޫން 2024 ގައި ރިޔާސީ ކޮމިޝަން އުވާލައި ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރުއްވައިފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެހެންކަމުން ރިޔާސީ ކޮމިޝަނަކީ މިހާރު ވުޖޫދުގައި ނެތް ކޮމިޝަނަކަށް ވުމުން، އެ ތަނުގެ މައްޗަށް ރައްދުވާ ގޮތަށް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އަދި މި މައްސަލައިގައި މުއާގެ ފަރާތުން އެދިފައިވާ ފައިސާއަކީ ނަގައިދެވޭނެ ފައިސާތަކެއް ކަމަށް ގަބޫލުނުކުރާ ކަމަށް އޭޖީ އޮފިހުން ބުންޏެވެ.
ކޮމިޝަންގެ މަސައްކަތްތަކަކީ މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް އުފުލުމުގެ ރައްކާތެރިކަން ގާނޫނުގެ ދަށުން ލިބިދީފައިވާ ކޮމިޝަނެއް ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި ޖިނާއީ މައްސަލަތައް ތަހުގީގުކޮށް އެފަދަ މައްސަލަތަކާއި ގުޅިގެން ނިންމުންތައް ނިންމާ ފަރާތްތަކާއި އިދާރާތަކުގެ މައްޗަށް ދައުވާ ކުރުމުން އެ ފަރާތްތައް ރައްކާތެރިކުރުމަކީ ގާނޫނު ބަލައިގެންފައިވާ ނިޒާމު ކަމަށް އޭޖީ އޮފީހުން ބުންޏެވެ މި މައްސަލައިގައި ކޮމިޝަންގެ ފަރާތުން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމުގެ އެއްވެސް ހެއްކެއް ހުށަހަޅައިފައި ނުވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އޭޖީ އޮފީހުގެ ކޯޓުގެ އިހުތިސޯސަށް ސުވާލު އުފެއްދުމަށް ތާއީދުކޮށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވެސް ވަނީ މި މައްސަލަ ބެލުމަށް ސިވިލް ކޯޓަށް އިހުތިސޯސް ލިބިގެން ނުވާކަން ފާހަގަކޮށްފައެވެ.
އެ ވާހަކަތަކާ ގުޅިގެން މުއާ ބުނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ގާނޫނުއަސާސީން އުނި ނުކުރާހާ ހިނދަކު، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ތަންފީޒުކުރުމުގެ ތެރެއިން ހިންގާފައިވާ ކޮންމެ ކަމެއްގެ ސަބަބުން އަނިޔާއެއް ނުވަތަ ހައްގެއް ގެއްލިފައިވާ ކޮންމެ މީހަކަށް ދައުލަތާ ދެކޮޅަށް ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
ކޮމިޝަން އުވާލައިފައިވުމަކީ އޭނާއަށް ގާނޫނުއަސާސީގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވެރިކަން ހިންގާބާރަށް ކޮށްފައިވާ އަމަލަކަށް ކޮމިޝަން ނުވަތަ ދައުލަތުގެ ވެރިކަން ހިންގާ ބާރުން ޖަވާބުދާރީ ނުވެ ދޫކޮށްލެވޭނެ އަދި ޒިންމާވާން ނުޖެހޭނެ ސަބަބެއް ނޫން ކަމަށް ގަޓު މުއާ ބުންޏެވެ.
ރިޔާސީ ކޮމިޝަންގެ ރައީސް ފަރީޝާ ވިދާޅުވީ މި މައްސަލައިގެ ފުރަތަމަ މަރުހަލާ ފެށިގެން އަންނަންވާނީ ހައި ކޯޓުން ކަމަށާއި ސަބަބަކީ މިއީ ޖުޑީޝަލް ރިވިއު މައްސަލައަކަށް ވުން ކަމަށެވެ.
ހުރިމާ ހަސްމުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ އިހުސާން މައްސަލައިގެ ރައުޔުގައި ވިދާޅުވީ މިއީ ޖުޑީޝަލް މައްސަލައެއް ނޫން ކަމަށާއި ސަބަބަކީ މި މައްސަލަ ހުށަހަޅައިފައި ވަނީ ކޮމިޝަން ނުވަތަ ޕީޖީ އޮފީހުން ނިންމައިފައިވާ ނިންމުމެއްގެ ސަބަބުން ނޫން ކަމަށެވެ. މިއީ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައެއް ކަމަށާއި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް މުއާގެ ފަރާތުން އެދުނީ އެއްވެސް ހެއްކެއް ނެތި ކޮމިޝަނުން ރަނގަޅު ނިޔަތެއް ނެތި ކޮށްފައިވާ ތަހުގީގަކަށްފަހު، ކޮމިޝަނުން އެދިގެން ޕީޖީގެ އޮފީހުގެ ފަރާތުން މުއާގެ މައްޗަށް އެއްވެސް އަސާސެއް ނެތި ޖިނާއީ ދައުވާކޮށް، ޖަލުގައި އެކަހެރިކޮށް ބަހައްޓައިފައި ހުރުމުގެ ސަބަބުން ކަމަށެވެ.
ގާޒީ ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ ނިންމުންތަކާ ގުޅިގެން މަދަނީ އަދި ޖިނާއީ ދައުވާ އެ ފަރާތަށް ކުރުމުން ރައްކާތެރިކަން ފޯރުކޮށްދީފައިވިޔަސް އެއީ މުތުލަގު ގޮތެއްގައި ގާނޫނުން ފޯރުކޮށްދީފައިވާ ހިމާޔަތާއި ރައްކާތެރިކަމެއް ނޫން ކަމަށެވެ. އެ ހިމާޔަތާއި ރައްކާތެރިކަން ލިބޭނީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ގާނޫނާ އެއްގޮތަށް ހެޔޮ ނިޔަތުގައި ކުރާ ކަންކަމުން ކަމަށާއި ގާނޫނާ ހިލާފު ކަންކަމަށް ޖަވާބުދާރީ ކުރެވޭނެ ކަމަށެވެ.
ނަމަވެސް ހެޔޮނިޔަތެއް ނެތި ތަހުގީގެއް ހިންގައި ދައުވާކޮށްފައިވާކަމަށް ބަލާނެ ނުވަތަ ކަނޑައަޅާނެ މިންގަނޑެއް ގާނޫނުތަކުގައި ނުވާ ކަމަށެވެ. އެކަން އެގޮތަށް މަދަނީ މައްސަލައެއްގެ ތެރެއިން ވެސް ބަލަން ވާނީ، ޕްރޮސިކިއުޓާ ޖެނެރަލްއާއި ތަހުގީގުކުރާ ފަރާތްތަކަށް ލިބިދޭ މިނިވަންކަމާއި އިހުތިޔާރުތަކާއި ބާރުތަކަށް ހުރަސް ނޭޅޭ ގޮތަކަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މި މައްސަލައާ ގުޅިގެން 31 އޮކްޓޫބަރު 2024 ގައި ބޭއްވި އަޑުއެހުމުގައި މުއާގެ ފަރާތުން ވަނީ މި ދައުވާއަކީ ނުނިޔަތެއް އޮވެގެން ހުށަހެޅި ދައުވާއެއް ކަމަށާއި ހެބިއަސް ކޯޕަސްގެ އަމުރެއްގެ ތެރެއިން އޭނާ ބަންދުކުރިކުރުން ގޯސްކަމަށް ކަނޑައަޅަން ދެން ކުރިމިނަލް ކޯޓަކަށް ހުށަނޭޅޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ގާޒީ ވިދާޅުވީ މުއާގެ ފަރާތުން ބުނެފައިވަނީ އޭނާ ބަންދުކުރަން ނިންމި ނިންމުން ނިހާއީ ވެފައިވާތީ އިސްތިއުނާފަށް ހުށަނޭޅޭނެ ކަމަށެވެ.
"އެހެންކަމުން ހަމައެކަނި އެ ފަރާތަށް އޮތް އެންގަލްއަކީ މެލިޝަސް ޕްރޮސިކިއުޝަނޭ ދަންނަވާފަ ބަންދުކުރި މުއްދަތަށް ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅުން ކަމަށާއި މި ދައުވާއަކީ ގެއްލުމުގެ ބަދަލާ ގުޅޭ ދައުވާއެއް ކަމަށް (ގަޓު މުއާ) ބުނި" ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މި މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަށް ބަލާއިރު ދައުވާއަށް ބަދަލު ގެނެސް އަލުން ގަޓު މުއާގެ މައްޗަށް ދައުވާކުރެވިދާނެކަން ގާނޫނުތަކަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން މި މައްސަލައާ ގުޅިގެން ހިންގައިފައިވާ ތަހުގީގުތަކަކީ ހެޔޮ ނިޔަތެއް ނެތި ކޮށްފައިވާ ކަންކަމަށް ބެލެވޭނެ ފަދަ ކަމެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.
މެލިޝަސް ޕްރޮސިކިއުޝަން އެއްގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވިތޯ މި މައްސަލައިގައި ބަލައިފައި ނުވާތީ، މުއާއަށް ލިބިފައިވާ ގެއްލުމަކީ ކޮބައިކަން މި މައްސަލައިގެ ތެރެއިން ބަލައިފައިނުވާނެ ކަމަށެވެ. ގާޒީ ވިދާޅުވީ ދައުލަތުން ކޮށްފައިވަނީ މެލިޝިއަންސް ޕްރޮސިކިއުޝަނެއްކަން ސާބިތުކުރަން މުއާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅައިފައި ނުވާ ކަމަށެވެ.
އެކަންކަން ފާހަގަކުރައްވައި ގާޒީ ނިންމެވީ ރިޔާސީ ކޮމިޝަންގެ މެންބަރުން، އޭޖީ އޮފީސް އަދި ޕީޖީ އޮފީހުގެ މައްޗަށް ހުށަހަޅައިފައިވާ މި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު