މިނިވަން ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި އިތުރު މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާތަނަށް މަރު ކޮމިޝަންގެ ތިން ރިޕޯޓެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެންމެ ފަހުން ލިބިވަޑައިގެންނެވީ ރިލްވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓު ކަމަށެވެ.
"އެކަމާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކޯޓުގައި މައްސަލަ މިހާރު ވެސް ހިނގަމުން އެބަދޭ. އިތުރު ފަރާތްތަކަށް ދައުވާކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް އެބަދޭ. ކޮމިޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ދައުލަތުގެ އިދާރާތަކާ ގުޅިގެން އިސްލާހުކުރުމުގެ މަސައްކަތްތަކެއް މިހާރު ފެށިގެން ކުރިއަށް އެބަދޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޕޯޓުގައި ހިމެނޭ ގިނަ މައުލޫމާތުތަކަކީ ހިއްސާކުރެވެން ނެތް މައުލޫމާތުތަކެއް ކަމަށާއި އެއީ ވަރަށް ގިނަ ފަރާތްތަކަކީ ސިއްރު ހެކީންގެ ގޮތުގައި، ހެކި ބަސް ދީފައި ހުރި ފަރާތްތަކަކަށް ވުމުން ކަމަށެވެ. އަދި ރިލްވާންގެ އާއިލާއަށް ވެސް މައުލޫމާތުތައް ހިއްސާކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވެވެން އޮތް މިންވަރަކަށް ހިއްސާކުރެވެން އޮތް މައުލޫމާތެއް ހިއްސާކުރަމުން ގެންދާނެ. އިތުރު މީހުންނަށް ދައުވާކުރުމާއި، މިހާރު ކޯޓުގައި އޮތް މައްސަލަތައް ކުރިއަށްގެންދިއުމަށް ވަރަށް ބޮޑު ކާމިޔާބެއް މިހާރު ކޮމިޝަނުން ހޯދާފައި އެބައޮތް. އަޅުގަނޑު ހިތުން މައްސަލަ ކުރިއަށްދާ އިރު، ކޯޓަށް އެކަން ހާމަވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޕޯޓުގައި ވަކި މީހަކާ ބެހޭގޮތުން، ވަކި ބަޔަކާ ބެހޭގޮތުން ކޮށްފައި އޮތް ތުހުމަތުތަކެއް އޮވެއްޖެއްޔާ ފުލުހުން ނުވަތަ އެކަމާ ބެހޭ އިދާރާއަކުން އެކަމެއް ކުރުވާނެ ކަމަށެވެ. އަދި މަރު ކޮމިޝަނުން ކުރަމުންދިޔަ މަސައްކަތްތައް ދަތިތަކެއް ކުރިމަތިވި ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"2020 ވަނަ އަހަރު އައި އިރު، ކޮމިޝަނުން ތައްޔާރުކޮށްފައި އޮތް ޑްރާފްޓް ރިޕޯޓުތަކެއް އާންމުވުމާ ގުޅިގެން، މަސައްކަތްތަކަށް ބުރޫއެރީ. ހާއްސަކޮށް ޑީޑީކޮމްގެ މަސައްކަތް ގާތްގަނޑަކަށް އެބޭފުޅުން ވިދާޅުވާ ގޮތުން ވެއްޖެއްޔާ އެއް އަހަރަށް މެދުކެނޑިގެންދިޔަ. ސިއްރު ހެކީންނާއި މައުލޫމާތު ދޭން ތިބި ފަރާތްތައް ހާމަވެގެންދިއުމުގެ ސަބަބުން މައުލޫމާތު ހިއްސާކުރަން އެބޭފުޅުން ފަހަތަށް ޖެހުނު. އެހެންނަމަވެސް މި ދެ ކޮމިޝަނުން ބުރަ މަސައްކަތްތަކެއްކޮށް، ނަތީޖާތަކެއް ނެރެފައިވާކަން އަޅުގަނޑު ފާހަގަކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.