ރެއާލް މެޑްރިޑް ކަޓުވައިލުމަށް ފަހު މެންޗެސްޓާ ސިޓީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި 2-1 އިން ރެއާލް ބަލިކޮށް ސިޓީން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. މިދެޓީމު ކުޅުނު ފުރަތަމަ ލެގްގެ މެޗު ސިޓީން ކާމިޔާބުކުރީ 2-1 އިންނެވެ.
ރޭގެ މެޗުގައި ރެއާލް އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ކެޕްޓަން ސާޖިއޯ ރާމޯސް ސަސްޕެންޝަނުގައި ހުރުމެވެ. އެގޮތުން މުޅި މެޗުގައި ވެސް ރެއާލްގެ ޑިފެންސް ފެނުނީ އާދައިގެ ގޮތަކަށެވެ. ރޭގެ މެޗުގައި ސިޓީގެ ދެ ލަނޑަކީ ވެސް ރެއާލް ރަފައެލްގެ ޑިފެންޑަރު ވެރާން އަށް ހެދުނު ގޯސްތަކުން ކާމިޔާބުކުރި ލަނޑުތަކެކެވެ.
ރޭގެ މެޗުގެ ނުވަ ވަނަ މިނެޓުގައި ސިޓީން ލީޑު ނެގީ ވެރާން އަމިއްލަ އޭރިޔާތެރޭ ހިފައިގެން ހުރި ބޯޅަ ސިޓީގެ ގެބްރިއަލް ޖެސޫސް ހޯދުމަށް ފަހު ރަހީމް ސްޓާލިން އަށް ޖައްސައިލުމުން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ސިޓީ އަށް ބަދަލުވުމަށް ފަހު ސްޓާލިން ޖެހި 100 ވަނަ ލަނޑެވެ.
ސިޓީން ލީޑު ނެގި ނަމަވެސް ރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަރިމަތިން ރޮޑްރީގޯ ނަގައިދިން ހުރަސް ބެންޒެމާ ވަނީ ސިޓީގެ ޑިފެންޑަރުންނަށް ފުރުސަތެއް ނުދީ ބޮލުން ގޯލުގެ ތިރީ ކަނަށް ވައްދައިލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންޒެމާއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ރެއާލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ފެނުނީ ކައުންޓަ އެޓޭކުގައި ސިޓީން ނުރައްކާކުރި ތަނެވެ. މި ހާފުގައި ސިޓީން ދެ ވަނަ ފަހަރަށް ލީޑު ނެގީ ވެރާން ގޯލްކީޕަރަށް ބޮލުން ޖައްސާލި ބޯޅަ ހޯދުމަށް ފަހު އެއް ފަހަރުން ގޯލުގެ ތެރެއަށް ވައްދާލައިގެން ޖެސޫސް ކާމިޔާބުކުރި ލަނޑުންނެވެ. ވެރާން ބޮލުން ދިން ބޯޅައަށް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އެރި ވަގުތު ޖެސޫސް ވަނީ ރެއާލްގެ ކުޅުންތެރިޔަކަށް އިތުރު ފުރުސަތެއް ނުދީ ގޯލުގެ ކަނަށް ބޯޅަ ފޮނޮވާލައިފައެވެ.
މެޗަށްފަހު ވެރާން ދިން އިޓަވިއުއެއްގައި ބުނީ އޭނާގެ ޓީމު ވަރަށް މޮޅަށް ކުޅުނު ކަމަށާއި ނަމަވެސް ސިޓީން ޖެހި ދެ ލަނޑަކީ އޭނާއަށް ހެދުނު ގޯސްތަކަކުން ޖެހި ލަނޑު ތަކެއް ކަމަށެވެ. އެކަމަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
ސިޓީން ދެ ވަނަ ފަހަރަށް ލީޑު ނެގުމުން ރެއާލުން ވަނީ އިތުރަށް ކުރިއަށް ޖެހި ހަމަލާތައް އުފައްދައިފަ އެވެ. އެކަމަކު އެޓީމަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ.
ރެއާލްއާ ހަވާލުވުމަށް ފަހު ފުރަތަމަ ތިން ސީޒަނުގައި ވެސް ޒިދާން ވަނީ އެޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. މިއީ ޒިދާންގެ ކޯޗުކަމުގައި ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަކުން ރެއާލް ކެޓި ފުރަތަމަ ފަހަރެވެ. މިދިޔަ ހަތަރު އަހަރު ދުވަހު ރެއާލާއެކު ޒިދާން ވަނީ ނޮކްއައުޓް 12 ބުރު ކާމިޔާބުކޮށްފަ އެވެ.
ކުއާޓާ ފައިނަލުގައި ސިޓީ ވާދަކުރާނީ މި މަހުގެ 16 ވަނަ ދުވަހު ލިޔޯންއާ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު