އާސަންދައިގެ ދަށުން އިތުރު 50 މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް ފުރައިފިއެވެ.

އާސަންދަ ކުންފުނިން މިރޭ ބުނީ ބަލި މީހުންނާއި އެމީހުންގެ އެހީތެރިން ހިމެނޭހެން 50 ދިވެއްސަކު މިރޭ އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ. މިއީ މި ހާލަތުގައި އިންޑިއާއަށް ފުރުވާލި ހަތަރުވަނަ ބެޗެވެ.

މި ފަހަރު ދިޔަ ދިވެހިންވެސް ފުރުވައިލީ ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވްވުމުންނެވެ. ނަމަވެސް އެމީހުން އިންޑިއާއަށް އެތެރެވުމުގެ ކުރިން އިތުރު ޓެސްޓެއް ހަދައި ބަލި ނެތްކަން ޔަގީންކުރާނެ ކަމަށާއި 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭ އިރު، އޭގެ ފަހުންވެސް އިތުުރު ޓެސްޓެއް ހަދާނެ ކަމަށް އާސަންދައިން ބުނެއެވެ.

މީގެ އިތުރުން އާސަންދައިން ބުނީ، މިއަދު ފުރި 50 މީހުންގެ ތެރޭގައި އެކި ބަލިތަކަށް ފަރުވާ ހޯދާ 21 މީހަކު ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ނުވަ މީހަކަށް ފަރުވާ ދޭނީ އެއިމްސް ހޮސްޕިޓަލުން ކަމަށާއި ބާކީ ތިބި 12 މީހުންނަށް ފަރުވާ ދޭނީ ކިމްސް ހޮސްޕިޓަލްގައި ކަމަށްވެސް ބުނެފައިވެއެވެ.

އެމީހުން ކަރަންޓީންގެ މުއްދަތުވެސް ފުރިހަމަ ކުރާނީ އެ ހޮސްޕިޓަލްތަކުގައެވެ.