ކުރިއަށް އޮތް ދެ ހަފްތާއަށް ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހޭ ގޮތަށް ހަމަޖައްސައިފައިވަނީ މާލެސިޓީގެ ސްކޫލުތަކުގައި އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ކޮށްފައިވާ ޓުވީޓެއްގައެވެ. އެގޮތުން މާލެ ސިޓީގެ ސްކޫލުތައް ނޫން އެހެން ހުރިހާ ސްކޫލުތަކެއްގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ ކުރިން ހަމަޖައްސައިފައި އޮތީ އީދު ބަންދާއި، މިޑް ޓާމު ބަންދަށްފަހު މިމަހު ނުވަވަނަ ދުވަހުން ފެށިފެން މާލޭގެ ސްކޫލުތައް ހުޅުވައި ކިޔެވުން ފަށާގޮތަށެވެ. ނަމަވެސް ކުރިއަށް އޮތް ދެހަފުތާގައި މާލެ ސިޓީ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް ކަނޑައަޅައި އެޑިއުކޭޝަނުން އެކަން އާންމު ކޮށްފައިވަނީ އަންގާރަ ދުވަހު އާންމު ކުރި އިއުލާނެއްގައެވެ.

މި އިއުލާނުގައި އެޑިއުކޭޝަނުން ވަނީ ކޮވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެމަތިން ކުރިއަށް އޮތް ދެ ހަފުތާއަށް ސްކޫލް ދަރިވަރުން މިމަހު ނުވަޔަކުން ފެށިގެން 19 އަށް މާލޭ ސީޓިގެ ސްކޫލްތަކަށް ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ސްކޫލަށް ދަރިވަރުން ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެ ކަމަށާއި ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭ ގޮތަށް ބަލައި، މިނިންމުން މުރާޖައާ ކުރާނެ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.