ޚަބަރު

ކޮވިޑުގެ ކަންކަން ދިރާސާ ކުރުމަށް ކުރީގެ ހެލްތު މިނިސްޓަރުންނާ ބައްދަލުކުރަނީ

އިބްރާހިމް ޒަކީ

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ބަލީގެ ކަންކަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ފެށި މަސައްކަތުގެ ދަށުން ވޭތުވެދިޔަ 50 އަަހަރު، ރާއްޖޭގައި ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާ ބައްދަލުކުރަން ނިންމައިފި އެވެ.

ކޮވިޑުގެ ކަންކަން ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވޭތުވެދި 50 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމު އަދާކުރެއްވި ބޭފުޅުންނާ ބައްދަލުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ކޮވިޑާ ގުޅިގެން އާންމު ސިއްހަތުގެ ކަންތައްތައް ހެލްތު މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ ގޮތާއި މިހާރު ކަންކަން ކުރިއަށްގެންދާ ގޮތާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތް ދެނެގަނެ، އެކަންކަން ދިރާސާކުރުމަށް ކޮމިޓީއާ ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލިސް ރައީސް އެ މަަސައްކަތް ކޮމިޓީއާ ހަވާލު ކޮށްފައިވާއިރު، ކޮވިޑާ ގުޅިގެން ސިއްހީ ދާއިރާގެ ކަންކަން ކުރިއަށްގެންދާ ގޮތާމެދު ކަންބޮޑުވެ، ދިވެހި ޑޮކްޓަރުންތަކެއް ވަނީ މަޖިލިސް ރައީސްއާ ބައްދަލުކުރައްވައި އެ ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފަ އެވެ.

އެގޮތުން ކޮވިޑުގެ ކަންކަން ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމިޓީން އެންމެ ފުރަތަމަ ބައްދަލުކުރަން ނިންމާފައިވަނީ ވެސް ކަންބޮޑުވުން ފާޅުކުރި ޑޮކްޓަރުންނާ އެވެ. އެ ޑޮކްޓަރުންނާ ބައްދަލުކުރަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ވޭތުވެދިޔަ 50 އަަހަރު، ރާއްޖޭގައި ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި ވޭތުވެދި 50 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމު އަދާ ކުރެއްވި ބޭފުޅުންނާ ވަކިވަކިން ބައްދަލު ކުރާނީ އެއަށްފަހު އެވެ.

އޭގެ އިތުރުން ކަމާގުޅުން ހުރި ޖަމިއްޔާތަކާއި ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާއި އައިޖީއެމްއެޗާއި ޑަބްލިއުއެޗްއޯގެ އިތުރުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ބޭފުޅުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބޭފުޅުންނާ ވެސް ކޮމިޓީން ބައްދަލުކުރަން ވަނީ ނިންމައިފަ އެވެ.

އެފަރާތްތަކާ ކޮމިޓީން ބައްދަލުވުމުގެ ކުރިން، ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާބެހޭ ހުރިހާ މައުލޫމާތެއް ޑޮކިއުމެންޓްކޮށް، ކޮމިޓީއަށް ހޯދުމަށް ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީގެ މިއަދު ބައްދަލުވުމަށް އެ ހުށަހެޅުން ހުށަހެޅުއްވީ އެ ކޮމިޓީގެ މެންބަރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.