ކުއްލި ޚަބަރު

ދުބާއީން ގެންނަ ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނީ ފައިސާ އެއްކޮށް ދެއްކީމާ ކަމަށް މައުލޫމާތު ލިބޭ: ޑރ. ނަޒްލާ

އަލީ ޔާމިން

ދުބާއީން ގެންނަ ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނީ ފައިސާ އެއްކޮށް ދެއްކީމާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ޑައުން ޕޭމަންޓް ދެއްކުމަށް ފަހު ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ 75 ވެންޓިލޭޓަރު ރާއްޖެ ގެނެސްދިނުމަށް ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 10 ވެންޓިލޭޓަރެވެ. ބާކީ ހުރި 65 ވެންޓިލޭޓަރު އަދިވެސް ރާއްޖެ ގެނެވިފައެއް ނުވެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ވެންޓިލޭޓަރުތައް ނުގެނެވި ލަސްވެފައިވަނީ އެތަކެތީގެ ފުރިހަމަ އަގު އެއްކޮށް ދައްކަން ދުބާއީ ކުންފުނިން އެދެމުންދާތީ ކަމަށެވެ. ނަމަވެސް އެގޮތަށް ނުހަދައި ފައިސާގެ ކަންކަން ނެގޯޝިއޭޓްކުރުމަށް ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މައުލޫމާތު ލިބޭ ގޮތުގައި ވެންޓިލޭޓަރުތައް ނުގެނެވި ލަސްވަނީ ފުލް ޕޭމަންޓް ދޭން އެ ކުންފުނިން އެދޭތީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ ރޮކޮމެންޑޭޝަންގައި ހިމެނޭ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި އިރު ސަރުކާރުން ވަނީ މިކަމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގަކީ 34 މިލިއަން ރުފިޔާއެވެ.

މި ވެންޓިލޭޓަރުތައް އެންމެ ލަސްވެގެން ވެސް މިދިޔަ މޭ މަހުގެ ފަހުކޮޅު ލިބޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ތާރީހުން ދެމަސް ފާއިތުވެފައިވާއިރު އަދިވެސް ވެންޓިލޭޓަރުތައް ގެނެވޭނެ ތާރީހެއް އިއުލާނުކޮށްފައެއް ނުވެއެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ފެށި ތައްޔާރީތަކުގައި އެކި ކުންފުނިތަކުން ޖުމްލަ 149 ވެންޓިލޭޓަރު ރައްޖެ ގެނައުމަށް ހަވާލުކޮށްފައިވެއެވެ. އެއީ ނާޑު ޕްރައިވެޓް ލިމިޓެޑުން 24 ވެންޓިލޭޓަރު، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 50 ވެންޓިލޭޓަރު އަދި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރެވެ.

ރާއްޖޭގައި މިވަގުތު ހުރީ 129 ވެންޓިލޭޓަރެވެ.