މިމަހުގެ އަށްވަނަ ދުވަހުގެ ފަހުން ފުރަބަންދު ކަރަންޓީނަށް ރަށްރަށަށް ދާން ހުއްދަ ނުދޭން ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާލޭ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ މިމަހުގެ 8 ވަނަ ދުވަހުގެ ފަހުން ފުރަބަންދު ކަރަންޓީނަށް ރަށްރަށަށް ދާން ހުއްދަ ނުދޭނެ ކަމަށެވެ. ނަމަވެސް 8 ވަނަ ދުވަހުގެ ކުރިން ކަރަންޓީންވުމަށް އެދިފައިވާ ފަރާތްތަކަށް ރަށްރަށަށް ދެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އެދިފައިވާ ފަރާތްތަކަށް ރަށްރަށަށް ދެވޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ސިއްހީ ބޭނުމަށް އަތޮޅުތެރެއިން މާލެއަށް އަންނަ ފަރާތްތަކަށްވެސް ފުރަބަންދު ކަރަންޓީންގެ ދަށުން އަނބުރާ ރަށަށް ދެވޭނެ ކަމަށެވެ.
މި ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް ވަނީ ބައެއް ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ކާފިއު ހިންގާއިރު އަތޮޅުތެރޭގައި ބަލި ފެނިފައިވާ ރަށްރަށުގެ މީހުން މާސްކް އެޅުން ވަނީ ލާޒިމުކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު