ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ މިސްކިތްތަކުގައި ކޮންމެ ނަމާދަކަށް ފަހު ގުނޫތު ކިޔަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަަލީ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ރޭ މަގްރިބް ނަމާދުން ފެށިގެން ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތު ކިޔުމަށް މާލޭގެ ހުރިހާ މިސްކިތަކަށް ވެސް އަންގާފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ އިތުރުން މާޗު މަހުގެ ތެރޭގައި ވެސް މިސްކިތްތަތަކުގައި އަޑުހަރުކޮށް ގުނޫތުކިޔަން ފެށިއެވެ.

މިފަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ އިރު މިދިޔަ 24 ގަޑިއިރު ތެރޭގައި 153 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، މިރެއިން ފެށިގެން ވަނީ މާލޭ ސަރަހައްދުގައި ކޮންމެ ރެއަކު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގަން ނިންމައިފައެވެ.