ހައިކޯޓުގައި މާދަމާއަށް ތާވަލު ކޮށްފައި އޮތް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އިސްތިއުނާފުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އެ އަޑުއެހުން ކެންސަލްކޮށް، ހައިކޯޓުން ބުނެފައިވަނީ މާދަމާގެ އަޑުއެހުން ކެންސަލް ކުރީ ރައީސް ޔާމީންގެ އެދިވަޑައިގެން ކަމަށެވެ. ނަމަވެސް ދެން އެމައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ދުވަހެއް ކޯޓުން ބުނެފައެއް ނުވެއެވެ.

މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މިހާރު އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ، މާފުށީ ޖަލުގައެވެ.

އެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުމެއް އެންމެފަހުން ބާއްވައިފައިވަނީ ހުސްވި ޖުލައި މަހުގެ އަށް ވަނަ ދުވަހުއެވެ.

އެދުވަހު އޮތީ މައްސަލައާ ބެހޭގޮތުން ދެފަރާތަށް އަންގަން ޖެހޭ އެންގުންތައް އެންގުމާއި، ދެ ފަރާތުގެ ފަރާތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމެވެ.