އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މާވިން އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަން އެކޯޓުގެ ރަޖިސްޓްރާއިން ސާފުވެއެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތްކަމެއް އަދި ސާފެއް ނޫނެވެ.
މި މައްސަލައިގައި މާވިންގެ ލޯބިވެރިޔާ ލަމްހާ އަބްދުއްރަހުމާނުގެ މައްޗަށްވެސް 15 އަހަރުގެ ހުކުމެއް ވަނީ އިއްވާފައެވެ.
މޭރީ ގްރޭސްގެ މަރާލި މައްސަލައިގައި މާވިން ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން މާވިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. މާވިންގެ މައްޗަށް ހުކުމްކުރީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.
މާވިންގެ ފަރާތުން ކޯޓުގައި އެދުނީ އެ ކުށަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމަވާފައިވަނީ އަދަބުގެ ދަރަޖަ، މަތިކުރުމަށެވެ. އެހެންކަމުން މާވިންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެެ.
ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ މަރާލާފައިވުމާއި އެ މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީއެވެ. އަދި އޭނާގެ އަމަލުގެ ސަބަބުން އެމީހުންގެ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެފައިވާތީ ކަމަށްވެސް ގާޒީ ވިދާޅުވެފައިވެއެވެ.
އެ މައްސަލާގައި މާވިން ބަންދުގައި ހުންނަތާ ހަތަރު އަހަރާއި ހަ މަހާއި ހަތަރު ދުވަސް ވަނީ ވެފައެވެ. އެހެންކަމުން ޖަލު އަދަބުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހެވެ.
އަލީ ޔާމިން
މަރު
މަރު
މަރު
މަރު
ކޮމެންޓް