މިދިޔަ މަހު ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުމަށްފަހު، ފުލުހުންގެ ބަންދުން އިއްޔެ ދޫކޮށްލި، 19 ބިދޭސީ މަސައްކަތްތެރިން އިމިގްރޭޝަންގެ ބަންދުން ވަގުތުން ދޫކޮށްލުމަށް ހޭބިއަސް އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ފުލުހުންގެ ބަންދު ދޫކޮށްލުމާ ގުޅިގެން އެ ބިދޭސީ މަސައްކަތްތެރިން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުުގެ ދަށުން، ބިދޭސީ ޑިޓެންޝަން ސެންޓަރުގައެވެ.

ކޯޓު އަމުރަކަށް އެދި، މިއަދު ހުށަހަޅައިފި ކަމަށްބުނެ ބިދޭސީ މަސައްކަތްތެރިންގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަތާނެއްގައި ބުނެފައިވަނީ، ބޮޑު ފިނޮޅުން ހައްޔަރުކުރި 19 ބިދޭސީން ބަންދުން ދޫވުމަށްފަހުވެސް އެމީހުންގެ މިނިވަންކަން އެހެން ގޮތަކުން ހިފެހެއްޓުމުގެ ބޭނުމުގައި އެ މަސައްކަތްތެރިން އިމިގްރޭޝަންގެ ޑިޓެންޝަނަށް ބަދަލު ކުރުމަކީ، އެންޓިޓޯޝާގެ އަމަލެއް ކަމަށެވެ.

އެމީހުން އިމިގްރޭޝަނާ ހަވާލު ކުރުމަށް ފުލުހުން ހިންގި އަމަލަކީ، ބިދޭސީ މަސައްކަތެރިން ނިޒާމުން ގެއްލުވައިލުމުގެ ބޭނުމުގައި ހިންގާފައިވާ ގާނޫނާ ހިލާފު، ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިން އިއްޔެ ދަންވަރުގެ ވަގުތެއްގައި އިމިގްރޭޝަން ގެޑިޓެންޝަނަށް ބަދަލު ކުރުމުގެ ބޭނުމަކީ ބިދޭސީން އެމީހުންގެ ނުރުހުމުގައި ގަދަކަމުން ރާއްޖޭން ބޭރަށް ފުރުވައިލުން ކަމުގައި ގަބޫލު ކުރާ ކަމަށްވެސް ބުނެފައި ވެއެވެ. އިމިގްރޭޝަންގެ ބަންދަށް ގެންދެވުމަށްފަހު ބިދޭސީންނާ ބައްދަލު ކުރުމަށް ކުރި މަސައްކަތަށް އިމިގްރޭޝަނުން ހުރަސް އަޅާފައިވުމަކީ އެ ތުހުމަތުތަކަށް އިތުރަށް ބާރުލިބޭ ކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އިމިގްރޭޝަނާއި ފުލުހުންގެ އަމަލުތައް ކުށްވެރި ކުރާކަމަށް ވަކީލުންގެ ބަޔާނުގައިބުނެފައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގާނޫނާ ހިލާފަށް އިމިގްރޭޝަންގެ ބަންދުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ މައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"ހޭބިއަސް ކޯޕަސް އަމުރެއްގެ ދަށުން ބިދޭސީ މަސައްކަތްތެރިން ވަގުތުން ދޫކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވާކަމުގައި ދަންނަވަން،" ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމީހުން ދޫކޮށްލުމަށް އެދި ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި، 14 ނުކުތާއެއް ވަކީލުން ފާހަގަ ކޮށްފައި ވެއެވެ.