ޚަބަރު

އިންސްޕެކްޝަނަށްފަހު މިއަދު 33 ތަނެއް ބަންދުކޮށްފި

އަލީ އަފާފް ރަމީޒު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދާ އިންސްޕެކްޝަނުގައި ގަވައިދަށް ނުފެތޭ އިތުރު 33 ތަނެއް މިއަދު ބަންދުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިއަދު ކުރިއަށްގެންދިޔަ އިންސްޕެކްޝަންގެ ތެރެއިން 174 އިންސްޕެކްޓް ކުރެވިފައިވާ ކަމަށާއި އެގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ 40 ތަނަކާއި ނުވަ ސެލޫނަކާއި 123 ފިހާރައާއި ދެ މާރުކޭޓް އިންސްޕެކްޓް ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މީގެ ތެރެއިން 33 ތަނެއް ވަނީ ބަންދުކުރެވިފައިވަނީ މިއަދު. އެއީ ފަސް ސެލޫން، 17 ފިހާރަ، އަދި ކާބޯތަކެތީގެ ހިދުމަތްދޭ 10 ތަނަކާއި އެއް މާރުކޭޓް،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އިންސްޕެކްޝަނަށް ފަހު މީގެ ކުރިން ބަންދުކުރި 21 ތަނަކަށް މިއަދު އަލުން ހުއްދަދެވި، ހުޅުވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ހަތް ތަނަކާއި އެއް މާރުކޭޓާއި ދެ ސެލޫނާއި 11 ފިހާރަ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ފެށި އިންސްފެކްޝަނުގައި އުސޫލުތަކަށް ނުފެތޭ ތަންތަން ވަގުތުން ބަންދު ކުރެއެވެ. ފުރަތަމަ ދުވަހު 27 ތަނެއް ބަންދުކުރިއެވެ. އަދި ދެވަނަ ދުވަހު 50 ތަނެއް ވަނީ ބަންދުކޮށްފައެވެ.

ކޮވިޑް 19ގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ބަންދުކުރުމަށްފަހު އެތަންތަން އަލުން ހުޅުވައި ހިދުމަތްދޭން ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތު ކުރުމަށްފަހުއެވެ.