މިދިޔަ 24 ގަޑިއިރު ތެރޭ 129 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 4293 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެއްސަކާއި ބަންގުލަދޭޝްގެ 23 މީހަކާއި އިންޑިއާގެ އަށް މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި އިންޑޮނޭޝިއާގެ މީހެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 27 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2670 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 1490 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1013 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 92 މީހަކު އެބަ ތިއްބެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. އިއްޔެ 215 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، މިދިޔަ ހޮނިހިރު ދުވަހު 156 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އިއްޔެއަކީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިދިޔަ މަހުން ފެށިގެން ގިނައިން ޕޮޒިޓިވްވަމުން ދަނީ ދިވެހިންނެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 18 މީހަކު ވަނީ މަރުވެފައެވެ. އެއީ 13 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 11 ދިވެއްސަކު ހިމެނެއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19