ހދ. ނޮޅިވަރަމަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ މިއަދު ހއ. އިހަވަންދޫ އިން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން ނޮޅިވަރަމަށް އަރައި ފޭބުން ވަގުތީގޮތުން މަނާކުރެވިފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތް ނިމުމުން އަލުން ހުޅުވައިލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫ އިން ތިން މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު، މިއަދު ފަތިހު ޕޮޒިޓިވްވީ އެ ރަށުގެ "242" ނަމަކަށް ކިޔާ ބޯޓުގައި އުޅޭ ދިވެހި ފަޅުވެރިއެކެވެ. އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހަކީވެސް އެ ބޯޓްގެ ފަޅުވެރިއެކެވެ.

މީގެ އިތުރުން ރޭ ވަނީ އިހަވަންދޫ "ތަހުތު" ބޯޓުގެ ފަޅުވެރިޔަކު ވެސް ޕޮޒިޓިވްވެފައެވެ. އިހަވަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ރޭ ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ އިހަވަންދޫ ތަހުތު ބޯޓުގައި މަސައްކަތް ކުރާ ދިވެހި ފަޅުވެރިއެއް ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ އިހަވަންދުއަށް ނިސްބަތްވާ މީހެއް ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މި ކޭސްތަކާ ގުޅިގެން އިހަވަންދޫ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައިއެވެ.

މާލެ ދަތުރުކުރާ ބޯޓުތަކުގެ މީހުން ޕޮޒިޓިވްވަމުންދާތީ، ބޯޓުގެ ފަޅުވެރިން މާލެއަށް ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ.