ހއ. އިހަވަންދޫގެ އިތުރު މީހަކަށް ކޮވިޑް ޖެހި، އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ އެރަށުން އިތުރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހާގެ ނަތީޖާ ލިބިފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

މި ކޭސްއާ ގުޅިގެން ހދ. ނޮޅިވަރަމަށް އަރައި ފޭބުން ވަގުތީގޮތުން މަނާކުރެވިފައިވާ ކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.

އިހަވަންދޫ އިން މިއަދު ޕޮޒިޓިވްވެފައިވަނީ އެ ރަށުގެ "242" ނަމަކަށް ކިޔާ ބޯޓުގައި އުޅޭ ދިވެހި ފަޅުވެރިއެކެވެ. އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހަކީވެސް އެ ބޯޓުގެ ފަޅުވެރިއެކެވެ.

މީގެ އިތުރުން ރޭ ވަނީ "ތަހުތު" ބޯޓުގެ ފަޅުވެރިޔަކު ވެސް ޕޮޒިޓިވްވެފައެވެ. އިހަވަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ރޭ ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ އިހަވަންދޫ ތަހުތު ބޯޓުގައި މަސައްކަތް ކުރާ ދިވެހި ފަޅުވެރިއެއް ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ އިހަވަންދުއަށް ނިސްބަތްވާ މީހެއް ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި ތަހުތު ބޯޓުގެ ފަޅުވެރިޔަކީ މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވި އިހަވަންދޫ 242 ބޯޓުގެ ކޭޝިއަރުގެ ކޮންޓެކްޓެކެވެ. އަދި އެ ދެ ބޯޓުން ޖުމްލަ 12 މީހުންގެ ސާމްޕަލް ނަގާފައިވާކަން ވެސް އެނގިފައިވެއެވެ.