ކޮވިޑުގެ ބަލިމަޑުކަން ސިޔާސީ ކަމަކަށް ހަދައި މުޒާހަރާ ކުރަމުންދާތީ ހިތާމަކުރާ ކަމަށާއި ކޮންމެ މީހަކަށްވެސް އަޑުއުފުލުމުގެ މިނިވަންކަން ލިނިގެންވާތީ އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރުން މާ ރަނގަޅުވާނެ ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަހްމަދު ހައިތަމް ވިދާޅުވެއްޖެއެވެ.
ހައިތަމް މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވަނީ ބަލިން ރައްކާތެރިކުރުމަކީ ހަމައެކަނި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އާންމު ރައްޔިތުން މި ބަލިން ރައްކާތެރިވުމަށް އަދާކުރަން ޖެހޭ ދައުރު ވަރަށްވެސް ބޮޑު ކަމަށެވެ.
"ކޮވިޑް ބަލި ސިޔާސީކަމަކަށް ހަދާތީ ހިތާމަކުރަން. ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެނަށްވެސް ލިބިގެންވޭ. އެކަމަކު އެއީ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި، އެހެން މީހުންގެ ދިރިއުޅުން ނުރައްކަލަކަށް ހުށަނާޅައި،" ހައިތަމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ހިޔާލު ފާޅުކުރުމަށް ސޯޝަލް މީޑިއާއާ ސިޓީ އަދި އެހެނިހެން ވަސީލަތްތަކުގެ ބޭނުންކުރުން ރަނގަޅު ކަމަށާއި ގައިދުރުކޮށް ބަލިމަޑުކަމާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުން ހުއްޓަންޖެހޭ ކަމަށެވެ.
ހައިތަމް ވިދާޅުވީ ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ކުރެވިދާނެ ކަންކަމާއ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ރައްޔިތުން ހޭލުންތެރިކޮށް އިރުޝާދުތައް ދެމުން ގެންދާއިރުވެސް، ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން އަންނަ އެތައް ބައިވަރު ބަޔަކާއެކު ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށެވެ.
ހައިތަމް ވިދާޅުވީ އާންމު ރައްޔިތުން އެންގުންތަކާ ހިލާފަށް ބައްދަލުވުންތައް ބާއްވައި އެއްވުންތައް ބާއްވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މުޅި ގައުމު ތަހައްމަލު ކުރަމުންދާ ކަމަށެވެ. އެޗްޕީއޭ އިން އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށް ބުނުމަކުން ނުފުދޭ ކަމަށާއި އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އަންގައިދީފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެޗްޕީއޭ މިހާރުވެސް އޮތީ މަސައްކަތްތައްކުން ފުރިފައި. ވޮލެންޓިއަރުންވެސް އެހާ މަދު. އެމީހުންނަކީވެސް އިންސާނުން،" ހައިތަމް ވިދާޅުވިއެވެ.
ހައިތަމް މިގޮތަށް ވިދާޅުވެފައި މިވަނީ އިދިކޮޅު ޕްރޮގްރެސް ކޯލިޝަނުން މުޒާހަރާތައް ކުރާނެ ކަމަށް އިއުލާންކޮށްފައިވާތީއެވެ. އިދިކޮޅު ފަރާތްތަކުން ވަނީ އީދުގެ ކުރިން ދެ ރެޔަކު މުޒާހަރާކޮށްފައެވެ. އަދި އީދުގެ ފަހުން މުޒާހަރާކުރާނެ ކަމަށްވެސް ވަނީ އިއުލާންކޮށްފައެވެ.
ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އަޑުއުފުލުމަށް ގޮވާލައްވައިފައެވެ. އަދި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް މުޒާހަރާތައް ނުބޭއްވުމަށް ވެސް މިނިސްޓަރު ވަނީ ގޮވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު