ޑިޓެންޝަން ސެންޓަރުގައި ހުއްޓައި، ކެއިން ބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ސިއްހީ ހާލަތު ދަަށްވެގެން އަޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަނިކޮށް ސްޓްރޯކްއެއް ޖެހިގެން އިއްޔެ މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ، ޔާސިރު ޔަހުޔާ ސާލިހު މުތީއު، އަކީ، އަލްގައިދާ ޖަމާއަތުގައި އިސް ދައުރެއް އަދާކުރަމުން އަންނަ މީހެއް ކަމަށް، އޭނާގެ މަރާ ގުޅިގެން އިމިގްރޭޝަނާއި ކަރެކްޝަނަލް ސާވިސް އާއި ފުލުހުން ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފިއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޓޫރިސްޓް ވިސާގައި އޭނާ ރާއްޖެ އެތެރެވީ 2014 ވަނަ އަހަރު ކަމަށެވެ.
ހަމަ އެއަހަރު އޭނާ ދިވެއްސަކާ ކައިވެނިކޮށްފައިވާ ކަމަށާއި ޓެރަރިޒަމާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭތީ އެ މުއްދަތުގައި އޭނާގެ ހަރަކާތްތައް ފުލުހުން މޮނިޓާ ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އެނގޭ ގޮތުގައި އޭނާއަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރަމުން އަންނަ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއް ކަމަށެވެ.
އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޖަމާއަތުން ހިންގާ ހަރަކާތްތައް ރާވައި ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ތަހުގީގު ކޮށްފއިވާ ދިވެހިންނާ އޭނާ ގުޅުން ބަދަހިކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ޔާސިރަކީ އޭނާގެ އުފަން ގައުމުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ޓެރަރިޒަމާ ގުޅުން ހުރި މައްސަލަ ތަކުގައި ހައްޔަރު ކުރެވި އެކި ފަހަރުމަތިން ބަންދު ކުރެވިފައިވާ މީހެއް ކަމަށާއި އެކި ގައުމުތަކުގެ ސައްހަ ނޫން ޓްރެވަލް ޑޮކިއުމެންޓްގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ މީހެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޔާސިރު ރާއްޖޭގައި ހުރުމަށް ދީފައިވާ ހުއްދަ 2 މާޗް 2017 ގައިބާތިލު ކުރުމުގެ ކުރިން 1 ފެބްރުއަރީ 2017 ވަނަ ދުވަހު އޭނާ އިމިގްރޭޝަނަށް ހާޒިރުކޮށް އެއްމަސް ދުވަހުގެ ތެރޭގައި ރާއްޖޭން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށާއި ހުއްދަ ބާތިލުކުރީވެސް ތަކުރާރުކޮށް އެކަން އަންގައި އެގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށެވެ.
ޔާސިރު ބަންދު ކޮށްފައި ހުރި މުއްދަތުގެ ތެރޭގައި އޭނާއާމެދު އަމަލު ކޮށްފައި ވަނީ ސަލާމަތީގޮތުން ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު އޭނާގެ އިންސާނީ ހައްގުތަކަށް ރިއާޔަތްކޮށް އޭނާގެ ދިވެހި އާއިލާއާ ގުޅުން ބޭއްވުމަށާއި ކެއިން ބުއިމާއި ހުރުމުގައި ވެސް ހާއްސަ އުސޫލެއްގެ ދަށުން ލުއި ގޮތަކަށް ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ. އެ މުއްދަތުގައި އޭނާއާ ގުޅޭ މައުލޫމާތު ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަމަނު ސަރުކާރަށް ފޯރުކޮށްދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ބަޔާނުގައި ބުނެފައިވަނީ ޔާސިރު ރާއްޖޭން ފުރުވައިލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ފޮރިން މިނސްޓްރީ މެދުވެރިކޮށް ޔަމަނު ސަރުކާރުން ހޯދުމަށް އެކި ފަހަރުމަތިން ތަކުރާރުކޮށް ކުރި މަސައްކަތުގައި އޭނާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާތީ "އިން ވޮލަންޓަރިލީ" ކޮށް ރާއްޖެން ފުރުވައިލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހޯދުމަށް ވެސް ޔަމަނު ސަރުކާރުގައި އެދިފައިވާނެއެވެ.
އޭނާ ރާއްޖޭން ފުރުވައިލުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރިނަމަވެސް ފުރުވައިލެވިފައި ނުވަނީ ފުރައިގެން ދިއުމަށް އިންކާރުކޮށް ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހެދުމަށް އެއްބާރުލުން ދީފައި ނުވުމުން ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް