ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި "ޕްރިޒަން އޮފިސާ ޓްރޭނީން" ގެ މަގާމަށް މީހުން ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު އިއުލާނުކޮށްފިއެވެ.

ކަރެކްޝަނުން މިއަދު ބުނީ ޖަލުތަކުގައި ހިދުމަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައި ކަމަށެވެ. ވަޒީފާއަށް އެދި ހުށަހަޅަން ޖެހެނީ ކަރެކްޝަންސްގެ ޕޯޓަލް މެދުވެރިކޮށްކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އެ މަގާމަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 6،050 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ތަމްރީނު ފުރިހަމަކޮށް ހުވާ ކުރުމުން ސާވިސް އެލަވަންސްގެ ގޮތުގައި އިތުރު 5،555 ރުފިޔާ ލިބޭނެކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ވަޒީފާގެ ޝަރުތުތައް:

  • ދިވެހި ރައްޔިތަކަށް ވުމާއެކު، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.
  • މަގާމާ ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް 3 ގެ ސަނަދެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވުން.
  • ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުން.
  • ޖިނާއީ ކުށެއްގެ ރެކޯޑު ނެތް މީހަކަށް ވުމާއި މަސްތުވާތަކެތީގެ ފަރުވާ ހޯދާފައިވާ މީހަކަށް ނުވުން.

މީގެ އިތުރުން ވަޒީފާއަށް އެދޭ މީހުންގެ ހަށިހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ހަދާ ފިޒިކަލް ފިޓްނަސް ޓެސްޓާއި ފެތުމުގެ ޓެސްޓުން ފާސްވާން ޖެހޭނެކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އަދި އިންޓަވިއު، މެޑިކަލް އެގްޒަމިނޭޝަން އަދި ބެކްގްރައުންޑް އެސެސްމަންޓުންވެސް ފާސްވާން ޖެހޭނެކަމަށް ކަރެކްޝަންސްއިން ބުންޏެވެ. އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެގެން ޝޯޓްލިސްޓްވާ ފަރާތްތަކާ އެކަނިކަމަށް ކަރެކްޝަންސްއިން ބުންޏެވެ.