ލ. އަތޮޅު ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ލ. ގަން، ތުނޑި، ކަޅައިދޫފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މި އަހަރުގެ މާޗު 22 ވަނަ ދުވަހު ގަމު ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ޕޮލިސް ލޯންޗެއްގައި ގަސްތުގައި އަލިފާން ރޯކޮށްލި މައްސަލައިގައި މޫސާ އިނާސްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަަށްވެސް ޕީޖީން ބުންޏެވެ.

ޕީޖީން ވަނީ މިދިޔަ ބުދަ ދުވަހު ވަނީ މޫސާ އިނާސް އާއި ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި ކުރެހުންތަކާއި ފޮޓޯ ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

ޕީޖީ އޮފީހުން ބުނީ، މޫސާ އިނާސްގެ މައްޗަށް އެ ދައުވާ ކުރާ ސަބަބަކީ އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު، ފެނުނު ލެޕްޓޮޕެއްގެ ހާޑްޑިސްކު ތަހުލީލުކުރި އިރު އިސްލާމިކް ސްޓޭޓާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވުން ކަމަށެވެ.

އަބްދުއްލަތީފު އިބްރާހިމްގެ މައްޗަށް ދައުވާ ކުރާ ސަބަބަކީ އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު، ފެނުނު ހާޑްޑިސްކު ތަހުލީލުކުރި އިރު ޖަބްހަތުއް ނުސްރާ އާއި އަލް ގައިދާއަށް ތާއިދުކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވުމެވެ.

މީގެ އިތުރުން މި މައްސަލައިގެ ހެކި ނައްތާލާފައިވާތީ އަބްދުއްލަތީފްގެ މައްޗަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީ، އެއް އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ކޯޓުން ވަނީ އޭނާއަށް ހުކުމްކޮށްފައެވެ.

އަބުދުއްލަތީފް ވަނީ 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަންޕާކްގައި ބާރުގަދަ އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުތަކާ ގުޅިގެން ފިލައިފައެވެ. އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރު ކުރީ 2012 ވަނަ އަހަރުގެ އޮގަސްޓް ފަސްވަނަ ދުވަހު ޕާކިސްތާނުން ރާއްޖެއަށް ވަގުތު އެއާޕޯޓުންނެވެ.

މޫސާ އިނާސް ވެސް ވަނީ ބޮމުގެ ހަމަލާއާ ގުޅިގެން 15 އަހަރަށް ޖަލަށް ލައިފައެވެ. އެކަމަކު ފަހުން ވަނީ އޭނާއަށް މައާފު ދީ މިނިވަންކޮށްފައެވެ.