ޚަބަރު

އޮސްޓްރޭލިއާއިން ރާއްޖެއަށް 1.8 މިލިއަން ރުފިޔާގެ ޕީޕީއީ ހަދިޔާކޮށްފި

އަލީ ޔާމިން

އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް 1.8 މިލިއަން ރުފިޔާގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

ކޮލަމްބޯގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީއާއި އޮސްޓްރޭލިއާގެ ޑިފެންސް އެޑްވައިޒަރު ގްރޫޕް ކެޕްޓަން ޝޯން އަންވިންއެވެ. ރާއްޖޭގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ކޮލަމްބޯގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގާއި ޑިފެންސް އެޑްވައިޒަރު ލެފްޓިނެންޓް ކާނަލް އިސްމާއިލް ނަސީރެވެ.

އޮސްޓްރޭލިއާ ސަރުކާރުން ވެދިން މި އެހީތެރިކަމަށްޓަކައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަފީރު އުމަރު އަބްދުއްރައްޒާގު ވަނީ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

ކޮވިޑް 19އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އޮސްޓްރޭލިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 12،000 އޯވައޯލް އާއި، 200،000 އަންގިއެވެ. މިތަކެތި އުފައްދާފައިވަނީ އޮސްޓްރޭލިއާގެ އަންސެލް ކުންފުނިންނެވެ.