ރައީސުލްޖުމްހޫރިއްޔާއަށް، ޕާލިމެންޓް ގްރޫޕުގެ މެންބަރުންނާ ބައްލު ނުކުރެވޭގޮތަށް އޮންނަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި ކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރަށް، ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.

އެހެން ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިގެ މެންބަރު، ޝަރީފަށް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްދު ދެއްވީ، ވެރިމީހާ (ރައީސުލް ޖުމްހޫރިއްޔާ) އަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި، މަޝްވަރާ ނުކުރެއްވޭ ކަމަށް ވިދާޅުވެ ޝަރީފް ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝަރީފް ވިދާޅުވީ، ސަރުކާރު ވެއްޓުނަ ނުދީ ނަގަހައްޓައި ދިނުމުގައި މަޖިލިސް މެންބަރުން، ހާއްސަ ކޮށް ރޫލިން ޕާޓީގެ ދައުރު ނުހަނު ބޮޑުވާނެ ކަމަށެވެ.

ނަމަވެސް "ވެރިމީހާއަށް އެ މަޖިލިސް މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ނުކުރެވޭ ނަމަ ދެން ބައްދަލުކޮށް މަޝްވަރާ ކުރެވޭނީ ކޮން ބަޔަކާ،"ތޯ ޝަރީފް ވަނީ ސުވާލު ކުރައްވައިފަ އެވެ.

ޝަރީފްގެ އެ ޓުވީޓަށް ރައްދު ދެއްވައި އަލީ އާޒިމް ވިދާޅުވީ، އެ ބޭފުޅުންނާ ވެރި މީހާއާ ބައްދަލުވާ ކަމަށެވެ. ސަރުކާރު ދަމަހައްޓަނީ އަދި ވެރިކަން ބަދަލު ކުރަނީ ރައްޔިތުން ކަމަށްވެސް އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނާ ވެރިމީހާއާ ބައްދަލުވޭ. ތީ ނިމިދިޔަ ސަރުކާރުގައި ތިޔަކަން އޮތް ގޮތް، ސަރުކާރު ދަމަހައްޓާނީވެސް ނުވަތަ ވެރިކަން ބަދަލު ކުރާނީވެސް ރައްޔިތުން،" އަލީ އާޒިމް ވިދާޅުވިއެވެ.