ކޮވިޑް-19 ޖެހިގެން ރޭ މަރުވި މީހާ ގަދަ ހުމެއް އައިސްގެން މީގެ ހަފްތާއެއް ކުރިން އޭޑީކޭ ހޮސްޕިޓަލަށް ދެއްކި ކަމަށާއި ކޮވިޑް ޓެސްޓެއް ހަދައިދިނުމަށް އެދުމުން އެކަން އެ ހޮސްޕިޓަލުން ކޮށްދީފައި ނުވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ރޭ 11:20 ހާއިރު ކޮވިޑް ބަލީގައި މަރުވީ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި، އެމީހާއަކީ ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗަށް އިއްޔެ ހަވީރު ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވި މީހެކެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 17 ވަނަ މީހާ އެވެ.

ނަމަވެސް އޭނާގެ މަރާ ގުޅިގެން އާއިލާއިން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. އަންހެން މީހާއަށް ދައްތަ ކިޔާ މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މީގެ ހަފުތާއެއް ކުރިން ވަރަށް ގަދަ ހުމެއް އައިސްގެން ދައްތަ އޭޑީކޭ ހޮސްޕިޓަލަށް ދެއްކި ކަމަށާއި ނަމަވެސް ޔޫރިން އިންފެކްޝަނެއް ހުރި ކަމަށް ބުނެ އެންޓިބޮޔޮޓިކްސް ދީފައިވާ ގެއަށް ފޮނުވާލި ކަމަށެވެ. އަދި ދައްތައަކީ ހައި ރިސްކު މީހެއް ކަމަށްވާތީ ކޮވިޑަށް ޓެސްޓުކޮށްދޭން އެދުމުން ވެސް ޓެސްޓު ކޮށްދީފައި ނުވާ ކަމަށް އެމީހާ ބުނެފައިވެ އެވެ.

އެމީހާ އިތުރަށް ބުނީ، ދައްތަގެ ހުން ރަނގަޅު ނުވެ ނޭވާލުމަށް ދަތިވެގެން އައިޖީއެމްއެޗަށް ގެންދިޔަތާ މާ ގިނައިރު ތަކެއް ނުވެ ކޮވިޑަށް ޕޮޒިޓިވް ވި ކަމަށާއި ވެންޓިލޭޓަރަށް ލާން އުޅެނިކޮށް، ވިންދު ނުލިބޭ ކަމަށް ބުނި ކަމަށެވެ. އަދި ދައްތަ މަރުވީ ކޮވިޑަށް ޕޮޒިޓިވްވިތާ ތިން ގަޑިއިރުވެސް ނުވެ ކަމަށް ބުނެފައިވެ އެވެ.

"ފަރުވާ ނުހޯދާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެކެވެ. މި ކަމުގައި ވަކި ބަޔަކަށް އިނގިލި ދިއްކޮށްގެން ދައްތައަށް ދެން ފައިދާއެއް ނުކުރިޔަސް، ކޮންމެވެސް ބަޔަކަށް ފައިދާކުރާނެ ކަމަށް އުންމީދު ކުރަމެވެ،" މަރުވި މީހާއާ ގުޅޭ ގޮތުން އާއިލާގެ މެންބަރު ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލަށް ގުޅުމުން ޖަވާބެއް ދެއްވާފައިނުވާތީ އޭޑީކޭގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކޮވިޑް ބަލީގައި އިއްޔެ މަރުވި މީހާއަކީ ތިން ދުވަސް ތެރޭގައި ރާއްޖޭގައި އެބަލީގައި މަރުވި ދެވަނަ މީހާ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑް ޖެހިގެން މަރުވެފައިވަނީ 71 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ވެސް މަރުވީ ނޭވާލާން އުދަނގޫވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.