ޚަބަރު

ޓެކްސް ފައިސާ ނަގައިގެން ތިބެ، ޕާޓީތަކުން ހާރިޖީ ކަންކަމާ ބެހޭނަމަ ރައްޔިތުން ނިކަމެތިވާނެ: މޫސަ

އިބްރާހިމް ޒަކީ

ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ ޕާޓީ ހިންގަން ފައިސާ ނަގައިގެން ތިބެ، ޕާޓީތަކުން ރާއްޖޭގެ ދާހިލީ ކަންކަމަށް ގޮތް ކިޔައި، ހާރިޖީ ކަންކަމާ ބެހުމަކީ ރައްޔިތު އެންމެންނަށް އޭގެ ނިކަމެތިކަން ކުރިމަތިވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި، ޗައިނާއާއަށް ވުރެ ބޮޑަށް އަވައްޓެރި އިންޑިއާއާ ގާތް ގުޅުމެއް އޮންނަކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުން ދަނީ ދިވެހި ސަރުކާރަށާއި، އިންޑިއާއަށް ފާޅުގައި ފާޑުކިޔަމުންނެވެ.

އޭގެ އިތުރުން ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ދަނީ ޗައިނާއަށް ފާޑު ކިޔަމުންނެވެ. ހާއްސަ ގޮތެއްގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި، ަޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާއި ޗައިނާއިން ރާއްޖެއަށް ދޭ ބައެއް އެހީތަކަށްވެސް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.

އެކަމާ ގުޅިގެން މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ޕާޓީ ހިންގަން ލާރި ނަގައިގެން ތިބެ، ޗައިނާ އާއި އިންޑިއާއަށް ހިތު ހުރިހާ އެއްޗެއް ނުގޮވުމަށް އެމްޑީޕީގެ އިސްވެރިންނާއި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އިސްވެރިންނަށް އާދޭހާއެކު ދަންނަވާ ކަމަށެވެ.

ދާހިލީ ކަންކަމަށް ގޮތް ކިޔަމުންދިޔަ ނަމަވެސް ހާރިޖީ ކަންކަމާ ބެހުމުން އެކަމުގެ ނިކަމެތިކަން އޮތީ ރައްޔިތު އެންމެންނަށް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.