ކުއްލި ޚަބަރު

މާސްކް ނަގައިގެން މަގުމަތީގައި ސިނގިރޭޓް ބޯކަށް ނުތިބެވޭނެ، އެއީ މަނާ ކަމެއް: ޑރ. ނަޒްލާ

އަލީ ޔާމިން

1

މާސްކް ނަގައިގެން މަގުމަތީގައި ސިނގިރޭޓް ބޯކަށް ނުތިބެވޭނެ ކަމަށާއި އެއީ މަނާ ކަމެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އާންމުން އެއްވެ އުޅޭ ބައެއް ތަންތަނުގައި ސިނގިރޭޓް ބުއިމަކީ މިހާރުވެސް މަނާ ކަމެކެވެ. އަދި ކެފޭ ރެސްޓޯރެންޓްތަކުގައިވެސް ސިނގިރޭޓް ބޮވެނީ އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، މާސްކް ނާޅައި ބޭރުގައި އުޅުމަކީ މިހާރު މަނާ ކަމެއް ކަމަށާއި، އެހެންކަމުން މާސްކް އެޅުން މަޖުބޫރުވުމާއެކު މަގުމަތީގައި ސިނގިރޭޓް ބުއިންވެސް މަނާވެގެންދާނެ ކަމަށެވެ.

"މަގުމަތީގައި މާސްކް އަޅައިގެން އުޅެން ޖެހޭ ކަމަށްވަންޏާ އޮޓޮމެޓިކަލީ އޭގެ މާނައަކީ މަގުމަތީގައި ސިނގިރޭޓް ބޯކަށް ނުތިބެވޭނީ މާސްކް އަޅައިގެންނެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ އެތެރޭގައި އުޅޭއިރުވެސް ކާ ވަގުތު ނޫން އެހެން ވަގުތުތަކުގައި އުޅެން ޖެހޭނީ މާސްކް އަޅައިގެން ކަމަށެވެ. އަދި އެފަދަ ތަންތަނުގެ ހިދުމަތް ހޯދާއިރުވެސް ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.