ކުއްލި ޚަބަރު

ޕޮޒިޓިވްވި ބައެއް މީހުން ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި: ޑރ. ނަޒްލާ

ކޮވިޑަށް ޕޮޒިޓިވްވި ބައެއް މީހުން ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އެކިއެކި ސަބަބުތަކާ ހުރެ ޕޮޒިޓިވްވެފައިވާ މީހުން ފެސިލިޓީތަކަށް ގެންދިއުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް އެބަހުރި ފާހަގަކުރެވިފައި މިދިޔަ މަހުގެ 28 އިން ފެށިގެން އެބަތިބި ބައެއް ފަރާތްތައް ފެސިލިޓީތަކަށް ނުގެންދެވިފައި. މީގެ ތެރެއިން ބައެއް ފަރާތްތައް ފެސިލިޓީތަކަށް ނުގެންދެވިފައި ވަނީ މިދޭތެރެއިން މޫސުން ގޯސްވުމާއެކު ހާއްސަކޮށް އެރިޔަދޫއަށް ގެންދަން ހުރި ފަރާތްތައް އެބަތިބި ނުގެންދެވިފައި. އެހެންނަމަވެސް މިއަދު ވެސް އަދި މާދަމާ ވެސް ބައެއް މޫވްމަންޓްތައް ކުރިއަށްދާނެ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ ބައެއް މީހުން ފެސިލިޓީތަކަށް ގެންދަނީ އެމީހެއްގެ ދަރިން ތިބި ނަމަ، އެކުދިން ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބުމުން ކަމަށާއި އެގޮތަށް އެމީހުން އަމިއްލައަށް ވެސް އެދެމުން އަންނަ ކަމަށެވެ.

"ބައެއް ފަރާތްތައް ޕޮޒިޓިވްވުމާއެކު އަދި އާއިލާގެ އެހެން ފަރާތްތައް ޓެސްޓުކުރުމަށްފަހު ގެންދަންޖެހޭތީ، މިސާލަކަށް ކުޑަކުދިން ތިބޭ މަންމައެއް ޕޮޒިޓިވްވީ، އެހެންވެއްޖެއްޔާ ކުޑަކުދިން ވެސް ޓެސްޓުކުރުމަށްފަހު ރިސަލްޓް ލިބުނީމަ މަންމައާ އެއްކޮށް ގެންދަން ބައެއް ފަރާތްތަކުން އަމިއްލައަށް ވެސް ބޭނުންވޭ މަޑުކުރަން. އެހެންވީމައާއެކު މަޑުކޮށްފައި ބައެއް ފަހަރު ގެންދަން. މި ދޭތެރެއިން ގިނަ މޫވްމަންޓްތައް މަޑުޖައްސައިލެވިފައި މިވަނީ މޫސުން ގޯސްވުމާއެކު. މިއަދު 91 ޕޮޒިޓިވް ފަރާތެއް ވަނީ ފެސިލިޓީތަކަށް ގެންދެވިފައި." އޭނާ ވިދާޅުވިއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ 156 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 3949 އަށް އަރައިފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެއްސަކާއި ބަންގުލަދޭޝްގެ 20 މީހަކާއި އިންޑިއާގެ މީހަކާއި ސްރީލަންކާގެ މީހެކެވެ. މިއީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ.